ފިލިޕީންސްގައި ހާލުގައިޖެހިފައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީ ދޭން  ސަރުކާރުން ނިންމައިފި

ތޫފާން ރައިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެ ތޫފ...

22 Dec 2021 | 18:26

ތޫފާން ރައިގެ ސަބަބުން ފިލިޕީންސްގެ ސޭބޫގައި ހާލުގައިޖެހިފައި ތިބި ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ ތޫފާން އެރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއަހަރު ފިލިޕިންސްއަށް އެރި އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ "ރައި" ގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެތަނުގެ ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދަރިވަރުން ތިބީ ހާލުގައި ޖެހިފައި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ކުދިންނަށް އެހީވުމުގެ ގޮތުން އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފައިވާ ކަމުގައެވެ.

މީގެ އިތުރުން، ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށެވެ. މިނިސްޓްރީން ބުނީ ސަރުކާރުން ފޯރުކޮށްދޭ އެހީ ދޭނީ އެ އެއް މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކަމާގުޅުން ހުރި އިދާރާތަކާއެކު މިހާރު ދަނީ ކުރަމުން ކަމުގައި ހާމަކޮށްފައި ވެއެވެ.

ސަރުކާރުން ހާލުގައި ޖެހުނުު ދަރިވަރުންނަށް މާލީ އެހީ ފޯރުކޮށްދޭން ހަމަޖެހިފައި ވާއިރު، އެ ދަރިވަރުންނަށް ފޯރުކޮށްދޭނެ އެހީގެ އަދަދެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް