ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ނައިބް ރައީސް ފައިސަލް ނަސީމް ޗައިނާގެ ސަފީރު ވަން ލީޝިންއަށް ދެއްވައިފި އެވެ.
ވަން-ޗައިނާ ޕޮލިސީ އަކީ ޗައިނާ އާއި ޓައިވާންއަކީ ވަކި ދެ ދައުލަތަކަށްވުރެ ބޮޑަށް، ޓައިވާންއަކީވެސް ޗައިނާގެ ބައެއް ކަމަށް އެއްބަސްވާ ސިޔާސަތެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލީޝިންއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެ ޤައުމުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައި ވެއެވެ. މިގޮތުން ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ޞިއްޙަތާއި އުމްރާނީ ތަރައްޤީއާއި، މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ނައިބު ރައީސްގެ ވާހަަކަފުޅުގައި ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ޗައިނާ ސަފީރަށް ދިވެހިރާއްޖެއިން "ވަން ޗައިނާ" އުޞޫލުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
އަދި ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޯވިޑް19 އަށްފަހު ޤައުމުގެ އިޤްތިޞާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޗައިނާ ސަފީރު ވަނީ މި ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލެއްވީތީ، އެކަމަށްޓަކައި ތައުރީފު ކުރައްވާފައެވެ. އަދި އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި އެ ކަމަނާ ވިދާޅުވިއެެވެ.
ސަފީރުގެ ވާހަކަފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ގައުމު ދޭތެރޭ އޮތް އިޖްތިމާޢީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް