ޕީސް ފައުންޑޭޝަންގެ ”ސުޖޫދު“ ކޭމްޕްުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދީނީ ކަންކަމަށް ހިތްވަރުދީ، ދީނީ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރ...

22 Nov 2024 | 15:27

ދީނީ ކަންކަމަށް ހިތްވަރުދީ، ދީނީ ދަޢުވަތު ފެތުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސުޖޫދު ކޭމްޕަކީ 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން، އެކުދިން ނަމާދަށް އަހުލުވެރިކުރުމަށާއި ނަމާދު ކުރަން ދަސްކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ 2 ދުވަހުގެ ކޭމްޕެކެވެ. މި ކޭމްޕު ކުރިޔަށް ގެންދަވާނީ އޮސްޓްރޭލިއާގެ ޝައިޚެއް ކަމުގައިވާ އުސްތާޛް ނަސީމެވެ.

މި ކޭމްޕުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި، ނަމާދުގެ މުހިންމުކަން، ނަމާދު ކުރާނެ ގޮތް، ނަމާދުގައި ކިޔާ ބައެއް ޒިކުރުތަކާއި ޒިކުރުތަކުގެ މާނަ އަދި މީގެ އިތުރުންވެސް ނަމާދާ ގުޅުންހުރި އިތުރު ބައިތައް ވެސް ހިމެނެއެވެ.

މި ކޭމްޕަކީ ތަފާތު އެކި އެކި ކުޅިވަރުގެ ޙަރަކާތްތައްވެސް ހިމެނިގެން ކުރިޔަށް ގެންދާ "ފަން އެންޑް އެންގޭޖިންގ" ކޭމްޕެކެވެ.

އަދި މީގެ އިތުރުން، މި ކޭމްޕުގައި ބައިވެރިވެގެން، މެލޭޝިއާގައި ބާއްވާ އިންޓަރނޭޝަނަލް ޔޫތު ކޭމްޕެއް ކަމުގައިވާ "އަލްޚާދިމް ޔޫތު ކޭމްޕް (އޭ.ކޭ.ވައި.ސީ)" ގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބިގެން ދެއެވެ. އެގޮތުން، ސުޖޫދު 2023-2024 ގައި ބައިވެރިވި ކުދިންގެ ތެރެއިން ފާހަގަކޮށްލެވުނު 4 ކުއްޖަކަށް ވަނީ އެ ފުރުޞަތު ލިބިފައެވެ. މި އަހަރުގެ އޭ.ކޭ.ވައި.ސީ ގައި އެކުދިން ބައިވެރިވާނެއެވެ.

ޕީސް ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ސުޖޫދުގެ ދެ ކޭމްޕު އޮންނާނެއެވެ. އެއީ މާލޭގައި ބާއްވާ ކޭމްޕާއި ހުޅުމާލޭގައި ބާއްވާ ކޭމްޕެވެ.

މާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 30 އިން 31 އަށެވެ. އަދި ހުޅުމާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖެނުއަރީ 1 އިން 2 އަށެވެ.

ސުޖޫދު ކޭމްޕުގައި ބައިވެރިވުމަށްޓަކައި ތިރީގައިވާ ފޯމު ފުރާލައިގެން ބައިވެރި ވެވޭނެކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަނުގެ މީސް މީޑިއާ އިންނާއި ޕީސް ފައުންޑޭޝަނުގެ ހޮޓްލައިން (7341781) އަށް ގުޅައިގެން ވެސް ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

https://forms.gle/UPr1Z3rneAh5NWPq7

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް