ގޯލްޑް ކަޕް 2024: އަލީ ނަސީމްގެ ހެޓްރިކާއެކު އޭދަފުށި ޓީމަށް ބޮޑު މޮޅެއް

މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ތުޅާދޫ ބަލިކޮށްފި އެވެ. މި މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކުރީ ...

22 Nov 2024 | 15:12

މިހާރު ފެށިގެން ކުރިއަށް ދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ތުޅާދޫ ބަލިކޮށްފި އެވެ.

މި މެޗުގައި އޭދަފުށިން ތުޅާދޫ ބަލިކުރީ 1-5 ގެ ނަތީޖާއިންނެވެ.

މެޗުގައި އަލީ ނަސީމް (ދިއްލި)ގެ ހެޓްރިކް ހެދިއެވެ. މިއީ މި މުބާރާތުގެ ހެދި ފުރަތަމަ ހެޓްރިކެވެ.

އޭދަފުށިން މޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު މެޗުގެ 13 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. ހުސައިން ޝަރީފް ނަގައިދިން ކޯނަރު އަޖުފާން ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭދަފުށީގެ ދެވަނަ ގޯލު 44 ވަނަ މިނެޓުގައި ޖެހީ ޖައުޝަން މުހައްމަދު (ޖައު) އެވެ.

ގޯލް އޭރިޔާ ތެރެއިން ހުހަށް ލިބުނު ބޯޅަ ޖައު ފޮނުވާލުމުން، ގޯލަށް ވަންނަން ދަނިކޮށް އެ ބޯޅަ ހުއްޓުވަން ތުޅާދޫ ކުޅުންތެރިއަކު މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ޑިފެންޑަރު ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

މެޗުގައި އަލީ ނަސީމް ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ. އަލީ ނަސީމް މެޗުގައި ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގަ އެވެ. އުނައިޝް ޒުބައިރު (އުނޭ) ހުސްކޮށްލާފައި ދިން ބޯޅަ ހޯދުމަށް ފަހު ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.

އޭދަފުށި ހަތަރު ގޯލު ކުރީގައި އޮއްވައި ތުޅާދޫ އިން ވަނީ ލިބުނު ޕެނަލްޓީއަކުން 61 ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ. އެ ޕެނަލްޓީ ވައްދާލީ އަހުމަދު ހުސައިން އެވެ.

މެޗުގައި ތިންވަނަ ގޯލު ޖަހައި އަލީ ނަސީމް ހެޓްރިކް ފުރިހަމަކުރީ 70 ވަނަ މިނެޓުގަ އެވެ. ހާފު މެދުން އަލީ ނަސީމަށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. މެޗުގައި ލީޑު ފުޅާކުރަން އޭދަފުއްޓަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.

ގޯލްޑް ކަޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެ ހަވީރު ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ. ތިމަރަފުށި ވަނީ ފުރަތަމަ މެޗުގައި މާލެ ސިޓީއާއި ވާދަކޮށްް 0-4 ގެ ނަތީޖާއިން ބަލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް