މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރުކަމުގައި މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ޤިޔާމަތްދުވަސް" މި މަޢުލޫއެވެ.
ދުންޔަވީ ޙަޔާތުގައިވާ އެންމެ ބޮޑު ޙަޤީޤަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަން ކަމާއި އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނޭ ކަމާއި އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހޭކަމާއި ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
"މިއާ ޚިލާފަށް މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންހެއްޔެވެ؟" ޚުޠުބާގައި ސުވާލު އުފައްދާފައިވެއެވެ.
އަހަރެމެން ދިރިއުޅޭ ދުނިޔެއާއި، އިރާ ދެމެދު ނުވަދިހަ ތިން މިލިއަނެއްހާ މޭލު ހުންނައިރު، ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަވެއެވެ. ހޫނުގެ ސަބަބުން ކޮންމެ އަހަރަކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު މަރުވާއިރު ދުނިޔޭގެ ގަދަ ހޫނުގައި މީސްތަކުންގެ ޙާލަކީ މިއީކަމުގައިވާ އިރު، ޤިޔާމަތް ދުވަހުގެ ގަދަ ހޫނުގައި ތިބޭ އިރު، މީސްތަކުންގެ ޙާލު ހުންނާނީ ކިހިނެއްތޯ ހުކުރު ޚުޠުބާގައި ސުވާލުކޮށްފައިވެއެވެ. އަދި އެ ދުވަހުން، މީސްތަކުންގެ ޢަމަލުތައް ހުންނަ ގޮތުން، އެއްބަޔަކު ތިބޭނީ އެ މީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކަށްޓާ ހަމައަށް ކަމާއި އަނެއް ބަޔަކު އެ ބަޔެއްގެ ކަކުލާ ހަމައަށް ކަމާއި އަނެއްބަޔަކު އެބައެއްގެ އުނަގަނޑާ ހަމައަށް ކަމާއި އަނެއް ބަޔަކު ތިބޭނީ އެ ބަޔެއްގެ އަނގައާ ހަމައަށް ގެނބިފައި ކަން ފާހަގަކޮށްފައިވެއެވެ.
"ނަމަވެސް އެ ދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމުން ނަޖާކުރައްވައި اللهُ سُبْحَانَهُ وَتَعَالَىގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާ މީހުންގެ ތެރޭގައި އެކަލާނގެއަށް އަޅުކަންކުރުމުގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ ހިމެނޭ، اللهُ سُبْحَانَهُ وَتَعَالَىވަނީ ތިޔަބައިމީހުން ޚާއްސަ ކުރައްވައިފައެވެ. އެއީ، ހެޔޮ ޢަމަލެއްކުރުންކަމުގައި ވިޔަސް، ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުންކަމުގައި ވިޔަސް، އެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން ޢުމުރުގައިކަމަށްވާތީއެވެ. އެހެންކަމުން ހެޔޮކަންތައް ކުރުމަށް އަވަސްވެގަނޭ، އަދި ނުބައި ފާޙިޝް ކަންކަމާ ދުރުހެލިވޭ، ހަވާނަފުސުގެ މަގު ދޫކޮށް، މާތް ﷲގެ މަގަށް އަވަސްވެގަނޭ، ސަލާމަތުގެ މަގަކީ އެއީ، ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި ހުއްޓި ހުންނާންޖެހޭ ހުރުމަށް ބިރުވެތިވެ ހަވާނަފުސުގެ އެދުންތަކުން ދުރުވެގަތް މީހާއަށް" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވަނީ އަހަރެމެންގެ މި ލޮބުވެތި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައި ކަމަށާއި މިއަދު ފެންނަނީ، އިސްލާމްދީން، އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ކަމަށެވެ. މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، اللهُ سُبْحَانَهُ وَتَعَالَى ޙަރާމްކުރެއްވި މި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭ އިރު، އެމީހުންނަށް މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަމަށެވެ. اللهُ سُبْحَانَهُ وَتَعَالَىއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ ނަމަ، މި ފަދަ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާންޖެހޭކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް