ގޯލްޑް ކަޕް 2024: ފަސޭހަކަމާއެކު ތިމަރަފުށި ބަލިކޮށް މާލެ ސިޓީ އިން ފެށުން ރަނގަޅުކޮށްފި

ރާއްޖޭގައި ވަޅުޖެހިފައިވާ ބޮޑު ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި ރޭ ތިމަރަފުއްޓާއި ދެކޮޅަށް ކުޅުނު މެޗުން މާލ...

22 Nov 2024 | 05:09

ރާއްޖޭގައި ވަޅުޖެހިފައިވާ ބޮޑު ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި ރޭ ތިމަރަފުއްޓާއި ދެކޮޅަށް ކުޅުނު މެޗުން މާލެ ސިޓީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް ބީގެ މެޗުން މާލެ މޮޅުވީ ތ. ތިމަރަފުށި އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާލޭ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މާލެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހުސައިން ޝުއައިބެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެ ޓީމުން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ އިސްމާޢީލް ވިފާގެވެ.

ދެ ލަނޑުގެ ތަފާތަކުން ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފުގައި މާލޭ ސިޓީ ޓީމުން ނިންމާލިއިރު، މި މެޗުގައި މާލެއިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ފަހުކޮޅެވެ.

އެގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަހުނަފް މުޙައްމަދު ތަސްނީމެވެ. އަދި އޭގެ ދެ މިނެޓު ފަހުން، މެޗުގެ ފަހު މިނެޓުގައި ބިދޭސީ މިޑްފީލްޑަރު ޚަލީލް ގަމާލް ވަނީ މާލެ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫ އަދި ހއ. ދިއްދޫއެވެ.

ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް