ރައީސް މުއިއްޒު ދުބާއީއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ފަހުކޮޅުގައި ދުބާއީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ. ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގ...

22 Nov 2023 | 06:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ފަހުކޮޅުގައި ދުބާއީއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ދަތުރުފުޅަކީ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ވިދާޅުވިއެވެ.

ރޭގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް ކަމުގައި ވުމުން ހޯދޭ ކުރިއެރުންތައް، މީގެ 52 އަހަރު ކުރިން އެމިރޭޓްސްގައި ހިމެނޭ ޤައުމުތަކުން ގުޅުން ޤާއިމުކޮށް ދެއްކި ނަމޫނާއިން ރަމްޒުކޮށްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީ.އަށް ވަރަށް ބޮޑު އިޖާދީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި، މިރޭގެ އުފާވެރި މުނާސަބަތަކީ އެކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާޅުވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ. އަކީ ދުނިޔޭގެ އެންމެ މަޤުބޫލު އެއް މަންޒިލްކަމަށާއި، އެ ޤައުމަކީ ތަރައްޤީއާއި، ފުދުންތެރި ރައްޔިތެއްގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަކުރެއްވިއެވެ. ހަމައެއާއެކު، ޔޫ.އޭ.އީ. އަކީ އެޤައުމުގެ ރައްޔިތުންގެ އާދަޔާ ޚިލާފު ރޫޙު ދައްކުވައިދީފައިވާ ޤައުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ރާއްޖެއާއި ޔޫ.އޭ.އީ. އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވެ، ވޭތުވެދިޔަ އަހަރުތަކުގައި ދެޤައުމުގެ ދެމެދުގައި ވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށްޓަކައި، ދާދިފަހުން ޔޫ.އޭ.އީ. އިން އިތުރު ފައިސާގެ އެހީ ފޯރުކޮށްދެއްވިކަމީ، ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، 'ލޮސް އެންޑް ޑެމޭޖް ފަންޑު' ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ 'ގްލޯބަލް ސްޓޮކް ޓޭކް' ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫ.އޭ.އީ. އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި، ޔޫ.އޭ.އީ. ގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް