ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކަމުގައި ހަމަޖައްސައިފިއެވެ.
މިކަން އިއުލާނުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަކީ މަޖިލީހުގެ ގަވައިދުގެ 256 ވަނަ މާއްދާގެ ކ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި މިހާރު ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ މާއްދާގެ ހ ގެ ދަށުން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކީ ފެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކަމުގައި އެ ޕާޓީން އަންގަވާފައިވާތީ އެކަން އިއުލާނުކުރައްވާކަމަށެވެ.
މަޖިލީހުގެ ރައީސް ވަނީ ފަޒުލް އަށް މަރުހަބާ ދަންނަވާފައެވެ.
މިހާރު ހިނގަމުންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ދެ މެންބަރުން ތިއްބަވައެވެ. އެއީ ފަޒުލް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް