ދިވެހިރާއްޖޭގެ އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.
13 މެންބަރަކު ހިމެނޭ އެ ކޮމިޓީން މިރޭ ވަނީ ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އާ ގިނަ މޫނު ތަކަކާއެކު ބޭއްވި ނޫސްވެރިންގެ އެ ބައްދަލުކުރެއްވުން ލީޑުކުރެއްވީ ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މަލީހް ޖަމާލް އަދި އައްބާސް އާދިލް ރިޒާއެވެ. ކޮމިޓީން ދެން ފެނުނު ބައެއް ބޭބޭފުޅުންގެތެރޭގައި ލޯޔަރު ވައްޑެއާއި ކުރީގެ ފިލްމީ ތަރި އައްސަދާއި ސިޔާސީ އެކްޓިވިސްޓެއް ކަމުގައިވާ ނާއިފް ޝައުކަތާއި ޑރ. އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.
އެބޭފުޅުން މިރޭ ވިދާޅުވީ އެ ކޮމިޓީއަކީ ސީދާ ރައީސް ޔާމީން އެކުލަވާލެއްވި ކޮމިޓީއެއް ކަމަށާއި މަގްސަދަކީ ޕީޕީއެމް ޕީއެންސީ ގުޅިގެން ގެނައި ސަރުކާރު ނަގަހައްޓާ ދަމަހައްޓާ ދިފާއު ކުރުން ކަމަށެވެ. އަދި އާންމު މެންބަރުންނާއި ކެނޑިފައިވާކަމަށް ބުނާ ގުޅުންތައް އިތުރަށް ރަނގަޅު ކުރުން ކަމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަސްއޫލިއްޔަތުތަކުން ތޮލާލް އެކަހެރިވެވަޑައިގެންފައިވާކަމަށާއި ޕީޕީއެމްގެ ތަރުޖަމާނު ކަމުން ހީނާ ވަލީދު އިސްތިއުފާ ދެއްވާފައިވާކަމަށްވެސް އެ ކޮމިޓީން މިރޭ އިއުލާނުކުރިއެވެ. އެހެން ނަމަވެސް ތޮލާލް އަދި ހީނާވެސް އެކަން ދޮގުކުރައްވައެވެ.
އެ ކޮމިޓީން މައިގަނޑުގޮތެއްގައި މިރޭ ވާހަކަ ދައްކާފައިވަނީ މިހާރު މި އޮތް ވެރިކަމަކީ ޕީޕީއެމް އަދި ޕީއެންސީގެ ވެރިކަމެއް ކަމަށާއި ވެރިކަން ނަގަހައްޓާ ދަމަހައްޓަން އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.
ޕީޕީއެމްގެ މެންބަރުން އެހެން ޕާޓީތަކަށް ނުދިއުމަށާއި ވަޒީފާގެ ބިރުގައި ޖެހި ފަހަތަށް ނުޖެހުމަށް ލުއި ގޮތަކަށް އެ ކޮމިޓީން މިރޭ ޕީޕީއެމްގެ އާންމު މެންބަރުންގެ ކިބައިން އެދިފައިވެއެވެ. އަދި އެ ކޮމިޓީގެ މަސައްކަތް މިރޭ މީ ރަސްމީކޮށް ފެށުނީ ކަމަށާއި ގިނަ ގިނައިން ޕްރެސް ކޮންފަރެންސްތައް ބާއްވާ ހަމަ އިސްކޮޅަށް އެ ކޮމިޓީ ތެދުވެ ހިންގާލާނެ ކަމަށްވެސް އެ ކޮމިޓީން މިރޭ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް