ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަން: ބާރުގަދަ ގޮއްވުންތަކުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް ފެނިފައިވާކަމުގައި ފުލުހުން ބުނެފި

ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހޯދި ކެމިކަލްތަކަކީ ބާރުގަދަ ގޮއްވުންތަކުގައި ބޭނުންކުރާ ކެމިކަލްކަން ދެނެގަނެވިފަ...

22 Nov 2022 | 17:15

ފުލުހުންނާއި ސިފައިން ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހޯދި ކެމިކަލްތަކަކީ ބާރުގަދަ ގޮއްވުންތަކުގައި ބޭނުންކުރާ ކެމިކަލްކަން ދެނެގަނެވިފައިވާކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ހައްޔަރުކުރެވުނު މީހުންގެ ގެތަކުންނާއި، އެ ފަރާތްތައް ބޭނުންކުރަމުންދާ ބައެއް ގަތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައިފާސްކޮށް، މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ނެގުނު ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ފުލުހުން ބުނެއެވެ.

"ހައްޔަރުކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ސައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ޗެކްކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭކަމަށްވަނީ ދައްކާފަ" ފުލުހުން ބުނެފައިވެއެވެ.

މިގޮތުން ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑުގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތައްކަމާއި، މި ވައްތަރުގެ އެކްސްޕްލޯސިވްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެކަމުގައިވެސް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެ މާއްދާތައް ހިމެނޭކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މައްސަލައިގާ އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫން އެކުޖުމްލަ 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންވެސް ނިސްބަތްވަނީ އައްޑޫ ސިޓީއަށް ކަމަށާއި އެމީހުން ރާވަމުންދިޔައީ ގިނަބައެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދިނުމަށް ކަމުގައިވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް