ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި މިރޭ ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
ޑެންމާކުން ކުރި ހޯދާނެކަމަށް ބެލެވުނު މެޗުގެ ފުރަތަމަ ހާފުގައި ޓިއުނީޝިއާ ފެނުނީ ޑެންމާކަށްވުރެ ވަރުގަދަކޮށެވެ. އެ ޓީމުގެ ޕްރެސިން ގޭމައި، ޑިފެންސްކުރުން ވަރަށް ރަނގަޅުކަން ފާހަގަކުރެވުނުއިރު، ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަނގަޅު ގިނަ ފުރުސަތެއް ލިބުނީ ވެސް އެ ޓީމަށެވެ.
ޓިއުނީޝިއާގެ ޑްރެގާ ފޮނުވާލި ބާރު ހަމަލާއެއް ޑެންމާކުގެ ކުޅުންތެރިއެއްގެ ގައިގައިޖެހި މިސްރާބު ބަދަލުވިއިރު، ލައުޑިނީ އާއި ޖެބަލީއަށް ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ޑެންމާކަށް މި ހާފުގައި ގިނަ ކޯނަރުތަކަކާއި ހިލޭ ޖެހުންތަކެއް ލިބުނު ނަމަވެސް، އެއިން އެއްވެސް ސެޓް-ޕީސް އަކުން ނުރައްކާ ކުރެވޭގޮތެއް ނުވިއެވެ.
ދެ ވަނަ ހާފުގައި ޑެންމާކުން ކުޅުން ރަނގަޅުކޮށް އެޓޭކްތައް އިތުރު ކުރިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ ކެޕްޓަން އެރިކްސަން އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެވެ. އެ ބޯޅަ ޓިއުނީޝިއާގެ ގޯލްކީޕަރު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލިއިރު، އެ ކޯނަރުން ޑެންމާކް އުފެއްދި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ޑެންމާކް | ޓިއުނީޝިއާ | |
| 0 | ލަނޑު | 0 |
| 50% | ބޯލް ޕޮޒިޝަން | 35% |
| 6 | ޝޮޓް އޮން ޓާގެޓް | 1 |
| 4 | ޝޮޓް އޮފް ޓާގެޓް | 5 |
| 596 (84%) | ޕާސްތައް (ކާމިޔާބު މިންވަރު) | 373 (75%) |
| 2 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް