ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި މިއަދު އާޖެންޓީނާ އާއި ސައުދީ އަރަބިއާ ބައްދަލުކުރި މެޗުން، މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި ގުނާ އާޖެންޓީނާ ބަލިވެއްޖެއެވެ. ގްރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުގައި ބެލި ސައޫދީ އަރަބިޔާއިން 2-1 ގެ ނަތީޖާއިން އާޖެންޓީނާ ބަލިކުރީ ފަހަތުން އަރައެވެ.
ފުރަތަމަ ހާފު އާޖެންޓީނާއިން ވަރުގަދަކޮށް ފަށާ އެޓޭކްތައް ކުރަމުން ދިޔައިރު، އާޖެންޓީނާއަށް ގޯލު ހުޅުވާލަދިނީ އެ ޓީމުގެ ކެޕްޓަން މެސީ އެވެ. މިއީ މެޗުގެ 10 ވަނަ މިނިޓުގައި އާޖެންޓީނާގެ ޕަރެޑޭސްއަށް ސައޫދީ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި ހާފުގައި އާޖެންޓީނާއަށް ލަނޑު ޖަހަން އިތުރު ގިނަ ފުރުސަތުތަކެއް ލިބި، އިތުރު 3 ލަނޑު ޖެހި ވެސްއެވެ. އެހެނަސް، އެ ހުރިހާ ލަނޑެއް ވެސް ވީ އޮފް ސައިޑެވެ. އަނެއްކޮޅުން ހީކުރިގޮތާ ހިލާފަށް ސައޫދީން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުމުގެ ބަދަލުގައި ކުރިޔަށްޖެހި ޕްރެސްކުރަން ފެށުމުން އާޖެންޓީނާއަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި އުނދަގޫތަކާ ކުރިމަތިވިއެވެ.
ދެ ވަނަ ހާފު ފެށި ގިނައިރުތަކެއް ނުވެ ސައޫދީން އެންމެން ހައިރާން ކޮށްލިއެވެ. ދެ ވަނަ ހާފު ފެށިގެން އެންމެ 3 މިނިޓުގެ ތެރޭގައި، ފެރާޒް ދިން ބޯޅައަކުން ލަނޑު ޖަހާ ސަލޭހް އަލް ސެހްރީ ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ އެންމެ 5 މިނިޓު ފަހުން، ސާލެމް އަލް ދައުސަރީ ޖެހި ހިތްގައިމު ލަނޑުން ސައޫދީން ލީޑު ނެގިއެވެ.
ސައޫދީގެ ލަނޑަށްފަހު އާޖެންޓީނާއިން ނަތީޖާ އެއްވަރުކޮށްލަން ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް، ސައޫދީ ވަރުގަދަ ޑިފެންސް ލައިނުން ކުރި މަސައްކަތާއި، ސައޫދީ ގޯލްކީޕަރުގެ މޮޅު ސޭވްތަކުން، އާޖެންޓީނާ ކުރި ހުރިހާ މަސައްކަތެއް ކޮށްލީ ނާކާމިޔާބެވެ.
ސައޫދީން އާޖެންޓީނާގެ މައްޗަށް ތާރީޚީ މޮޅެއް ހޯދިއިރު، މިއީ އާޖެންޓީނާ ކޮޅަށް އޭޝިޔާގެ ޓީމަކުން 1 ލަނޑަށްވުރެ އިތުރަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| އާޖެންޓީނާ | ސައޫދީ އަރަބިޔާ | |
| 1 | ލަނޑު | 2 |
| 51% | ބޯލް ޕޮޒިޝަން | 24% |
| 6 | ޝޮޓް އޮން ޓާގެޓް | 2 |
| 6 | ޝޮޓް އޮފް ޓާގެޓް | 0 |
| 595 (85%) | ޕާސްތައް (ކާމިޔާބު މިންވަރު) | 264 (67%) |
| 0 | ރީނދޫ ކާޑު | 6 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް