ވޯލްޑް ކަޕްގައި ބޮޑު ނަމެއް ނޫނަސް، ޑެންމާކްގެ މި ފަހުގެ ނަތީޖާތައް ރަނގަޅެވެ. މުބާރާތް ބާއްވާ ގައުމު ގަތަރާއި، 4 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނަށްފަހު، މި ފަހަރުގެ ވޯލްޑް ކަޕަށް ދެން އެންމެ އަވަހަށް ކޮލިފައިވި ގައުމަކީ ޑެންމާކެވެ. ޓިއުނީޝީއާ އާއި ޑެންމާކް މިހާތަނަށް ވޯލްޑްކަޕްގައި ކުރިމަތިލާފައެއް ނުވެއެވެ. އެހެނަސް، 2002 ވަނަ އަހަރުގެ މެއި މަހުގައި އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، 2-1 ގެ ނަތީޖާއިން އެ މެޗު ކާމިޔާބުކުރީ ޑެންމާކެވެ.
ތާރީޚް: 22 ނޮވެމްބަރ 2022
ގަޑި: 18:00
ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް
ގްރޫޕް: ޑީ
ފީފާ ރޭންކިންގ: ޑެންމާކް (10)، ޓިއުނީޝިއާ (30)
ޑެންމާކް ޓީމަށް ނަޒަރެއް:
ވޯލްޑް ކަޕްގައި މިހާތަނަށް 5 ފަހަރު ކުޅެފައިވާ ޑެންމާކް މުބާރާތާ ކުރިމަތި މިލަނީ ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 9 މޮޅާއެކުގައެވެ. ކޮލިފައިންގައި އެ ޓީމު 30 ލަނޑު ކާމިޔާބުކުރިއެވެ. ޑެންމާކް މިހާތަނަށް ވޯލްޑް ކަޕްގައި ކުޅެ ގްރޫޕް ސްޓޭޖުން ކެޓީ 2010 ވަނަ އަހަރުގެ މުބާރާތުގައި އެކަންޏެވެ. މިފަހުން ކުޅުނު ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމުގެ ފްރާންސް ވެސް ބަލިކޮށްފައެވެ. ޑެންމާކް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ކްރިސްޓިއަން އެރިކްސަން އެވެ. މިއީ އޭނާ ކުޅޭނެ 4 ވަނަ ވޯލްޑް ކަޕެވެ.
ޓިއުނީޝިއާ ޓީމަށް ނަޒަރެއް:
ޓިއުނީޝިއާއަށް މިހާތަނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނެތެވެ. ވޯލްޑް ކަޕްގެ މުބާރާތްތަކުގައި މިހާތަނަށް ކުޅުނު 15 މެޗުން ޓިއުނީޝިއާ އަށް މޮޅު ވެވުނީ އެންމެ 2 މެޗުންނެވެ. ޓިއުނީޝިއާ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ޓީމަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެކަމަށް ބެލެވުމެވެ.
ޑެންމާކްގެ ފޯމް:
ޑެންމާކް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، 2 ބަލިވެފައިވެއެވެ. އެ ޓީމު ބަލިވި ދެ މެޗަކީ ވެސް ކްރޮއޭޝިއާއާ ދެކޮޅަށް ނޭޝަންސް ލީގުގައި ކުޅުނު 2 މެޗެވެ.
ޓިއުނީޝިއާގެ ފޯމް:
ޓިއުނީޝިއާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ، 1 މެޗު އެއްވަރުވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް