އާރުޓީއެލް ހައިސްޕީޑު ފެރީ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފި އެވެ.
އިއްޔެ ރަސްމީކޮށް މި ދަތުރުތައް ފެށިއިރު މިމަހުގެ27 އާއި ހަމައަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ އެވެ. މި އަތޮޅުގައި ތިން ރޫޓަކުން ދަތުރު ކުރާނެ އެވެ.
އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މި ޚިދުމަތަށް ބޭނުންކުރާނީ 2 ފެރީއެކެވެ. އަތޮޅުގެ 6 ރަށަކަށް މި ދަތުރުތައް ކުރާނެއެވެ.
އެގޮތުން ޅ. އަތޮޅުގައި 3 ރޫޓަކުން މި ދަތުރުތައް އެމްޓީސީސީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރޫޓް R1C1 ގެ ދަތުރުތައް އޮޅުވެލިފުށި، ކުރެންދޫ، ފެލިވަރު އަދި މަޑިވަރަށް ކުރާނެއެވެ. R1C2 ރޫޓުގެ ތެރެއިން ހިންނަވަރު، ފެލިވަރު، މަޑިވަރު، އަދި ހިންނަވަރަށް ދަތުރުކުރާނެއެވެ. އަދި R1C3 ގެ ދަށުން ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ކުރާނެއެވެ.
ދަތުރުތައް ފަށާ ފުރަތަމަ ހަފްތާގައި ހިލޭ ދަތުރު ކުރެވެނީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.
ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ. އަދި މިމަހުގެ 24 އިން ފެށިގެން އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ޓިކެޓް ގަތުމަށް ބޭނުންކުރެވޭނެކަމަށް އެމް.ޓީ.ސީ.ސީން މައުލޫމާތުދެ އެވެ.
ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތުގެ އަގުތައް އުޅެނީ 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް