މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެއްގައި 12 މީހަކަށް ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމީހުންނަށް މަރުގެ އަދަބު ދިނީ މިދިޔަ 10 ދުވަސް ތެރޭގައި އެވެ. އޭގެ ތެރެއިން ބައެއް މީހުން މަރާލީ ކަނޑިން، ކަރު ބުރިކޮށްލައިގެން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ މުޅިންވެސް މަސްތުވާތަކެތި އެތެރެ ކުރުމާއި ވިއްކުމުގެ މައްސަލަތަކުގައި ހައްޔަރުކޮށް ޝަރީއަތުގައި ކުށް ސާބިތުވެފައި ތިބި މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީގެ ތިން މީހުންނާއި، ޕާކިސްތާނު ތިން މީހުން އަދި ސީރިއާ ހަތަރު މީހުންނާއި ޖޯޑަންގެ ދެ މީހުންނެވެ.
ސައުދީއަކީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް، މަރުގެ އަދަބުދޭ ގައުމަކަށްވާތީ ހުޅަނގުގެ ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަބަދުވެސް ފާޑުކިޔަ އެވެ. މިފަހަރުވެސް އެ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅު ކުރަމުންނެވެ.
މިއަހަރު ކުރީކޮޅު ސައުދީން ވަނީ އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައި ތިިބި 81 މީހަކަށް މަރުގެ އަދަބު ދީފައި އެވެ. އެއީ ސައުދީގެ ފަހުގެ ތާރީހުގައި އެއް ފަހަރާ އެހާ ގިނަ ބަޔަކަށް މަރުގެ އަދަބު ދިން ފަހަރެވެ.
އެފަހަރު މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި މީހުން މަރާފައި ތިބި މީހުންނާއި އައިސްއާއި ގުޅިގެން ސައުދީއަށް ޓެރަރިސްޓު ހަމަލާދޭން އުޅުނު އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރި މީހުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް