ވޯލްޑް ކަޕް މުބާރާތެއްގެ ތަށްޓެއް ހޯދުމަށް އާޖެންޓީނާއިން ކުރަމުންދާ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމަށް އަނެއްކާ ވެސް އެ ގައުމު ނުކުންނައިރު، ފީފާ ވޯލްޑް ކަޕް 2022 ގައި އެ ގައުމު އެންމެ ފުރަތަމަ ވާދަކުރާނީ އޭޝިއާ ބައްރުގެ ގަދަ ބާރެއް ކަމުގައިވާ ސައުދީ އަރަބިއާ އާއެވެ. ސައުދީން ޖެހިޖެހިގެން 2 ވަނަ ވޯލްޑް ކަޕަކަށް ކޮލިފައިވެފައިވާއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމާއި ރަނގަޅު ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް ޓީމުގައި ނެތުމެވެ. ސައޫދީއަށް ބަލާއިރު، އެޓީމުގައި މުޅިންވެސް ތިބީ އަމިއްލަ ގައުމުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. ޔޫރަޕާއި ދެކުނު އެމެރިފާ ފަދަ ބައްރުތަކުގެ ލީގުތަކުން ތަޖުރިބާ ލިބިފައިވާ އެއްވެސް ކުޅުންތެރިޔަކު ސައުދީ ޓީމުގައި ނެތެވެ.
ތާރީޚް: 22 ނޮވެމްބަރ 2022
ގަޑި: 15:00
ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް
ގްރޫޕް:ސީ
ސައުދީ އަރަބިއާ ޓީމުގެ ހާލަތު:
ސައުދީ އަރަބިއާގެ އުމުރުން 29 އަހަރުގެ މިޑްފީލްޑަރު ރިޔާދު ޝަރަހިލީ އަދި ޑިފެންޑަރ ހަސަން ތަމްބަކްޓީ އަކީ ސައުދީ އަރަބިއާ ޓީމުގައި މުހިންމު ދެ ކުޅުންތެރިންނެވެ. ނަމަވެސް މި ދެކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވީ ނަމަވެސް އަނިޔާގައި ތިބުމުން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން މި ދެކުޅުންތެރިންނަށް ނުކުޅެވޭ އިރު، މިއީ ސައުދީ ޓީމުގެ ކޯޗު ހާވޭ ރެނާޑް އަށް ކުރިމަތިވާނޭ ފޫބައްދަން އުނދަގޫ މައްސަލައަކަށް ވާނެއެވެ. މި ދެ ކުޅުންތެރިން އަނިޔާގައި ތިބިއިރު، އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ކޮން އިރަކުކަމެއް ބުނަން ކޯޗަށް ވެސް ދައްޗެވެ.
މިއަދުގެ މެޗުގައި ސައުދީ ޓީމުގެ ތަރިއަކަށް ވާނީ އަލް ހިލާލްގެ ފޯވާޑް ސޯލިހު އަލް ޝެހްރީއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ސައުދޫ ކޮލިފައި ވުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ. ސޯލިހު އަލް ޝެހްރީ އަކީ ކައުންޓަރ އެޓޭކުގައި ނުރައްކާތެރި ކުޅުންތެރިއެކެވެ. ކޮލިފައިންގައި ސައުދީއަށް އެންމެ ގިނަ ލަނޑުވެސް ޖަހައިނީ އޭނާއެވެ.
އާޖެންޓީނާ ޓީމުގެ ހާލަތު:
އާޖެންތީނާ ޓީމަށް ބަލާއިރު، އެ ޓީމުގެ ކީ ޕްލޭޔަރުންގެ ގޮތުގައި ބެލެވޭ ގިއޮވާނީ ލެ ސެލްސޯ އާއި ޖޯކިން ކޮރެއާ އަދި ނިކޮލަސް ގޮންޒާލޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ސްކޮޑުގައި ނުހިމަނައެވެ. މި ކުޅުންތެރިން ސްކޮޑުން ބާކީ ކުރަން ޖެހުމަކީ ކޯޗު ލިއޮނަލް ސްކަލޯނީ އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލައެވެ. މި ކުލުންތެރިންނާއި ނުލާ ވޯލްޑް ކަޕްގައި ވާދަކުރަން ޖެހުމަކީ ޓީމަށް ލިބުނު އުނިކަމެއް ކަމަށް ސްކަލޯނީ ފާހަގަކުރިއެވެ. މީގެ އިތުރުން ސްކޮޑުގައި ހިމަނާފައިވާ ޕައުލޯ ޑިބާލާ، ލިއަންޑްރޫ ޕަރޭޑޭސް އަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. ނަމަވެސް މި ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ދިނީ މުބާރާތުގެ ކުރީކޮޅު ކުޅެވޭނެ ކަމުގެ އުންމީދު އޮތުމުންނެވެ.
މިއަދުގެ މެޗަށް ނިކުންނައިރު، ކޯޗަށް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ މެސީ، ޑިމަރިއާ، ލެސަންޑްރޯ މާޓިނޭޒް ފަދަ ކުޅުންތެރިން ފިޓްކޮށް ތިބުމެވެ. މި ކުޅުންތެރިންނާއި އެކު ރަނގަޅު ނަތިޖާއެއް ނެރެވިދާނެ ކަމަށް ކޯޗު އުންމީދު ކުރެއެވެ.
ސައުދޫ އަރަބިއާ ފޯމް:
ސައުދީ އަރަބިއާ އަކީ މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް އެންމެ ގިނަ މެޗުތައް ކުޅުނު އެއް ޓީމެވެ. ނަތީޖާތައް ވެސް މާ ގޯހެއް ނޫނެވެ. އެޓީމުން ވަނީ އެކުވެރިކަމުގެ 10 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ކުޅުނު ފަސް މެޗަށް ބަލާއިރު، ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އައިސްލެންޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވިއިރު، އަނެއް ތިން މެޗުން ވީ އެއްވަރެވެ. އެހެން ކަމުން ސައުދީގެ މިވަގުތުގެ ފޯމަށް ބަލާއިރު، މާ ގޯހެކޭ ބުނެވޭކަށް ނެތެވެ.
އާޖެންޓީނާ ފޯމް:
އާޖެންތީނާ މިފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލީއިރު، އެޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ތަފާތު ބޮޑު ނަތިޖާތަކަކުން މޮޅުވެފައެވެ. އެހެން ކަމުން މި މުބާރާތާއި ކުރިމަތިލިއިރު، އާޖެންޓާ އޮތީ ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އާޖެންތީނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗަކީ މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗެވެ. އަދި އަނެއް މެޗަކީ މިއަހަރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީއާއި ދެކޮޅަށް ކުޅުނު "ފައިނަލިޒަމާ" މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް