ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝީމްއަށް ކުރައްވަން ހުށަހެޅި ސުވާލެއްގެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެނގިވަޑައިގެންނަވާތީ، ޖަވާބުދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ގަވަރުނަރާއި ސުވާލު ކުރަން ބޭނުން ވެގެން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ އެދިވަޑައިގެންނެވީ އޮކްޓޯބަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ހުރި އަދަދެއް ސާފުކޮށްދެއްވުމަށެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދައުލަތުގެ ރިޒާވްގައި ހުރި އަދަދާއި އެ ސުވާލުގެ ޖަވާބު އެމަނިކުފާނަށް އެނގިވަޑައިގެންނަވާތީ ގަވަރުނަރަށް ސުވާލު ނުފޮނުވުމުގެ ބަދަލުގައި އެމަނިކުފާނަށް އެ ޖަވާބު ދެއްވިދާނެ ކަމަށެވެ. އެކަމަކު އެ މައުލޫމާތު އެމަނިކުފާނު ދެއްވާނީ އާދަމް ޝަރީފު އެކަމަށް އެއްބަސްވާ ނަމަ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފު އެކަމަށް ރުހިވަޑައި ނުގަންނަވާނަމަ އަލުން އެ ސުވާލު އެމްއެމްއޭއަށް ފޮނުއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރިޔާސަތުގައި އިންނަވައިގެން ނުކުރެއްވޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ އެތައް ކަމެއް ނަޝީދު ކުރައްވާކަމުގެ ތުހުމަތު މެމްބަރުން ކުރައްވަމުން ގެންދަވަނިކޮށެވެ.
މިދިޔަ ހަފްތާގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ ވަރަށް ހުދުހުތާރު ކޮށް ކަމަށް ވިދާޅުވެފައި އެވެ.
އެގޮތުން ރިޔާސަށް ބަހުސްގައި ބައިވެރި ނުވެވޭނެ ކަމަށް ގަވައިދުގައި ބުނެފައި ވީނަމަވެސް ބަހުސް ކުރާ ބިލަކާއި ބެހޭގޮތުން އެމަނިކުފާނު ދެކެވަޑައިގެންނަވާގޮތް ކަމަށް ވިދާޅުވެ ބިލަށް ބަހުސް ކުރައްވާ ޒާތަށް ވާދަހަކަފުޅު ދައްކަވާކަމުގެ ތުހުމަތު މެމްބަރުން ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް