އިންޑޮނީޝިއާގެ ޖާވާ އައިލެންޑުގެ ކްލަންޖޫރު ޓައުނަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު އަދިވެސް ސާފު ނުވާ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.
ރެކްޓާ މިންގަނޑުން 5.6 ގެ ބާރުމިނުގައި މި ބިން ހެލުން އައީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި އެވެ. މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފެންވަރު ދަށްކޮށް ހަދާފައިވާ އިމާރާތްތައް ހުރި ސަރަހައްދަށެވެ.
އެ ގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގްރޭޝަން އެޖެންސީން ބުނީ މިހާތަނަށް މަރުވިކަން ކަށަވަރުވެފައިވަނީ އެންމެ 62 މީހުން ކަމަށެވެ. އެކަމަކު ވީނުވީއެއް ނޭނގި ގެއްލިގެން 162 މީހުން ހޯދަމުންދާ ކަމަށާއި އޭގެ އިތުރުންވެސް ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށެވެ.
އެ އެޖެންސީ ބުނީ މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހާޜު ރެސްކިއު ޓީމުތަކުން އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނުވަތަ ދިރިހުރި މީހަކު ފެނޭތޯ ބަލަމުންދާ ކަމަށް ބުންޏެވެ.
މިހާތަނަށް އަނިޔާތަކާއި އެކު 300 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައިވެ އެވެ.
އެ ސަރަހައްދަކީ ވަރަށް އާބާދީ ބޮޑު، ތޮއްޖެހިފައިވާ ސަރަހައްދެކެވެ. އެހެންވެ ގެދޮރު ބިނާކޮށްފައި ހުންނަނީވެސް މިފަދަ ހާދިސާއަކުން ސަލާމަތްވެވޭ ގޮތަށްވުރެ ތާށިކަން ބޮޑު ގޮަތަކަށް ކަމަށްވެ އެވެ.
މި ހާދިސާގައި އެ ޓަނުގެ ސްކޫލްތަކަށްވެސް ވަނީ ބޮޑެތި ގެއްލުން ލިބިފައި އެވެ.
އެ ޓައުނުގެ ސަރުކާރު އޮފިޝަލުން ބުނީ 13،000 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި 2،200 އަށްވުރެ ގިނަ ގެ، ބިމާއި ހަމަވެފައިވާ ކަމަށެވެ.
އިންޑޮނީޝިއާއަކީ ބިންހެލުމާއި ސުނާމީ އެރުމުގައި ތާރީހެއް އޮންނަ ގައުމެކެވެ. އޭގެތެއިން 2018 ވަނަ އަހަރު އައި ބިން ހެލުމެއްގައިވެސް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް