މައުމޫން ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ބައެއް ފޮތް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ހަދިޔާކޮށްފި

މައުމޫން ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ބައެއް ފޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފިއެވެ. މިއަދު އިސްލާމީ ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމުގައި މި ފޮތްތައް ހަދިޔާކޮށްދެއްވީ ...

22 Oct 2024 | 16:59

މައުމޫން ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ބައެއް ފޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފިއެވެ.

މިއަދު އިސްލާމީ ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމުގައި މި ފޮތްތައް ހަދިޔާކޮށްދެއްވީ ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއެވެ.

މި ރަސްމިއްޔާތުގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން، ވައިސް ޗެއަރމަން އަލްފާޟިލް އަޙްމަދު ފާރިސް މައުމޫން އާއި ޖެނެރަލް ސެކްރެޓްރީ ޑރ.އަޙްމަދު ޝަރީފުގެ އާއި ހިންގާ ކޮމެޓީގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ޗާންސެލަރ ޑރ. މުޙަންމަދު ޒާހިރު ޙުސައިން އާއި ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިޔުޓީ ވައިސް ޗާނސެލަރުންނާއި އެ ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ޑީނުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މައުމޫން ފައުންޑޭޝަންގެ ޗެއަރމަންގެ ވާހަކަފުޅުގައި ފައުންޑޭޝަނުން ތައްޔާރުކޮށްފައިވާ ޢިލްމީ ފޮތްތަކެއް ޔުނިވަރސިޓީއަށް ހަދިޔާ ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 14 އަހަރުގެތެރޭގައި ފައުންޑޭޝަނުން ހިންގާފައިވާ ބައެއް މަސައްކަތްކަތުގެ ތަފްސީލު ވިދާޅުވެދެއްވިއެވެ.

ގާތްގަޑަކަށް 12 ވަރަކަށް އަހަރު މަޢުހަދުގެ އުސްތާޒެއްގެ ޙައިސިއްޔަތުން ކިއަވާދެއްވުމުގެ ޝަރަފް ލިބިވަޑައިގެންފައި ވާކަމަށާއި އެހެންކަމުން ޔުނިވަރސިޓީއަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ފައުންޑޭޝަނުން އިސްލާމީ ޔުނިވަރސިޓީއަށް ހަދިޔާ ކުރީ ތަފާތު 8 ފޮތެކެވެ. ހަދިޔާކުރެއްވި ފޮތްތަކުގެ ތެރޭގައި ޖުމްލަ 340 ފޮތް ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް މައުމޫން ލިޔުއްވާފައިވާ "އުޞޫލުލްފިޤްހު" ހިމެނެއެވެ. "އުޞޫލުލްފިޤްހު" މި ފޮތަކީ ޔުނިވަރސިޓީގައި ރަސްމީކޮށް ބޭނުންކުރާ ޓެކްސްޓް ފޮތެކެވެ.

ހަދިޔާކުރެއްވި ފޮތްތަކަކާ ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސަލެރ ޑރ. ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި އެޔުނިވަރސިޓީގެ ފެށުންކަމަށްވާ މަޢުހަދުއް ދިރާސާތުލް އިސްލާމިއްޔާގެ ބާނީއަކީ ރައީސް މައުމޫން ކަން ފާހަގަކުރެއްވިއެވެ. އަދި ރައީސް މައުމޫންއަކީ ރާއްޖޭގައި އިސްލާމީ އަދި ޢަރަބި ތަޢުލީމު ފެތުރުއްވުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. މިގޮތުން މަޢުހަދުގެ އެކި ކޯސްތަކުގައި އުސްތާޒެއްގެގޮތުން އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިކަންވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. މައުމޫން ފައުންޑޭޝަންގެ ފަރާތުން ޔުނިވަރސިޓީއަށް ހަދިޔާ ކުރެއްވި ފޮތްތަކުގެ ސަބަބުން ޔުނިވަރސިޓީގެ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް ވެސް ވިދާޅުވިއެވެ.

މައުމޫން ފައުންޑޭޝަނަކީ، ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި އިތުރުކުރުމާއި، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި، ތަޢްލީމީ އަދި ޞިއްޙީ ފެންވަރާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަމާއި، ޖިންސީ ހަމަހަމަކަމާއި، ކުދި ޤައުމުތަކުގެ ރައްކާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް، އިސްލާމީ އުޞޫލުތަކާއި އަސާސްތަކާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ހިލޭސާބަހަށް މަސައްކަތްތަކެއް ކުރެއްވުމުގެ ބޭނުންފުޅުގައި 2010 ވަނަ ވަނަ އަހަރު ރައީސް މައުމޫން އުފެއްދެވި ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް