ތޫފާން "ދާނާ": މާދަމާ ތޫފާނަކަށް ބަދަލުވެ ޖެހިގެން އަންނަ ދުވަހު އިންޑިއާއަށް އަރާނެ

ސަރަހައްދީ މޫސުމަށް ބަލައިލާއިރު އަންޑަމަން ކަރަ ކައިރިން އުފެދުނު ތޫފާނީ ސެޓަޕުން އުފެދުނު ލޯ ޕްރެޝަރ އޭރިއާ މިއަދު މިވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ފޯ...

22 Oct 2024 | 15:53

ސަރަހައްދީ މޫސުމަށް ބަލައިލާއިރު އަންޑަމަން ކަރަ ކައިރިން އުފެދުނު ތޫފާނީ ސެޓަޕުން އުފެދުނު ލޯ ޕްރެޝަރ އޭރިއާ މިއަދު މިވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ފޯކާސްޓްކުރާގޮތުގައި މިހާރު ޑިޕްރެޝަންގެ ދަރަޖައިގައި ހުރި އެ ކޮޅިގަނޑު މާދަމާގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ތޫފާނުގެ ދަރަޖަ، ބާރުގަދަ ތޫފާނަކަށް ބަދަލުވާނެއެވެ.

އިންޑިއާގެ މެޓުން ނިމުތުކުރަނީ އެ ތޫފާން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިންޑިއާގެ ވެސްޓް ބެންގާލް އާއި އޮޑީޝާގެ އައްސޭރިއަށް ފޯރާނެ ކަމަށެވެ.

ގަދަ ވަޔާއި ބޯ ވިއްސާރަ ކުރާނެކަމަށް ފޯކާސްޓްކުރާއިރު ތޫފާން އިންޑިއާއާއި ހަމައަށް ފޯރާއިރު އާންމު ގޮތެއްގައި ވައިގެ ބާރުމިން ގަޑިއަކު 62 މޭލު ބާރުމިނުގައި އަދި ކޮޅިގަނޑުގައި ގަޑިއަކު 74 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި ފޯކާސްޓްކޮށްފައިވެއެވެ.

މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "ދާނާ" އެވެ. އިނގިރޭސި ބަހުން ނަމަ ކިޔާފައިވަނީ “Cyclone Dana” އެވެ.

މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ކިޔުމަށް އެކުލަވާލާފައިވާ ނަން ލިސްޓަށް ޤަތަރުން ދީފައިވާ ނަމެކެވެ. އަރަބި ބަހުން ނަމަ ދާނާގެ މާނައަކީ “ހިކުމަތްތެރި” މި މާނައެވެ.

ތޫފާން ދާނާއާއި ގުޅިގެން އޮޑީޝާ އަދި ވެސްޓް ބެންގާލްގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މާދަމާ އަދި ޖެހިގެން އަންނަ ދުވަހު އެ ސަރަހައްދުގެ ސްކޫލުތައްވެސް ބަންދުވާނެކަން މިހާރުވަނީ އިއުލާނުކޮށްފައެވެ.

ބަންގާޅު ކަނޑު އަދި އަރަބި ކަނޑުގައި އުފެދޭ ތޫފާންތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ. މި ތޫފާން އުފެދުނު އިރުވެސް އަދި ތޫފާނަކަށް ބަދަލުވާއިރުވެސް ހުންނާނީ ރާއްޖެއާއި ވަރަށް ދުރުގައި ކަމުން މި ތޫފާނުގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް