މެލޭޝިޔާއިން ސްޕެޝަލައިޒްޑް ވުމުގެ ފުރުސަތު ދިވެހި ތިން ޑަކުޓަރަކަށް ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ދީފިއެވެ.
އެ ތިން ޑަކުޓަރުންނާ އިއްޔެ އެކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު އެ ތިން ޑަކުޓަރުންނަކީ
- ޑރ. ފާތިމަތު މިޝްފާ ވަސީމް – ކަރުން މަތީގެ ހާއްސަ ބަލިތައް (މަލާޔާ ޔުނިވާސިޓީ)
- ޑރ. ނުހާ އަބްދުލް ރަހްމާން – ކުޑަކުދިންގެ ހާއްސަ (ޔުނިވާސިޓީ މަލާޔާ)
- ޑރ. އާމިނަތު ނަޖްދާ އޮޕަރޭޝަންތަކަށް ހާއްސަ ( ޔުނިވާސިޓީ ސައިންސް މެލޭސިޔާ)
2014 ގައި ވުޖޫދުވި ޔުނިވާސަލް ފައުންޑޭޝަނުން އަންނަނީ އެކި ދާއިރާއިން މީހުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައްވެސް ޔުނިވާސަލް ފައުންޑޭޝަން އިން ކުރިން ދިވެހިންނަށް ފަހިކޮށްދީފައިވެއެވެ.
އެ ފައުންޑޭޝަނުން ބުނެފައިވަނީ އެ ފައުންޑޭޝަންގެ މަގްސަދަކީ އިންސާނީ ވަސީލަތް ތަރައްގީކުރުރުމަށް މުހިންމު ދާއިރާތަކުން އެހީވެ، އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަންކަމަށް އެހީވުން ކަމަށެވެ.
އެ ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު މީގެ ކުރިން 121 ދަރިވަރަކަށް ދީފައިވާއިރު، އޭގެ ތެރެއިން 15 ދަރިވަރަކު މިހާރުވެސް އަންނަނީ އެ ސްކޮލަރޝިޕްތަކުގެ ދަށުން ތައުލީމު ހާސިލު ކުރަމންނެވެ.
"ޔުނިވާސަލް ފައުންޑޭޝަނުން ސްކޮލަރޝިޕް ދޭން ފެށުމުގެ ކުރިންވެސް ޔުނިވާސަލް އެންޓަޕްރައިޒަސް އިން ވަނީ ރާއްޖެއިން ބޭރުން އެކި ރޮނގުރޮނގުން ތައުލީމު ހާސިލުކުރުމުގެ އެތައް ފުރުސަތެއް ދިވެހި ކިޔަވާ ކުދިންނަށް ފަހިކޮށްދީފައި، އަޅުގަނޑުމެންގެ އަމާޒަކީ، މިހާރަށްވުރެވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް އޮތްތާނގައި ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ހަރަކާތްތެރިވުން، މި އަންނަ އަހަރުވެސް މިފަދަ ފުރުސަތުތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި" ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހޮސްޕިޓަލިޓީ ދާއިރާއަށް ޒުވާނުން ވެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ސެޓްފިކެޓް 3 ލެވެލްގެ ޕްރޮގްރާމެއް އެ ފައުންޑޭޝަނުން ހިންގަމުން އަންނައިރު މިދިޔަ އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމް 130 ދަރިވަރުން ނިންމާފައިވެއެވެ. އޭގެ ތެރެއިން 20 ދަރިވަރަކު މިހާރުވެސް އަންނަނީ ޔުނިވާސަލް ރިސޯޓްތަކުގައި އިންޓާންޝިޕް ފުރިހަމަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް