މި ފެށޭ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަކީ ސިނގިރޭޓު ބުއިން ހުއްޓަވާލައްވާނެ ދުވަސްކަމުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއުލާނުކުރައްވައިފިއެވެ.
އޭނާ މި އިއުލާނު މަޖިލީހުގެ ތަޅުމުގައި ކުރެއްވީ ވޭޕާއި ސިނގިރޭޓާއި އެއާއި ގުޅުންހުރި އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމުގެ ބަހުސްގައި މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑަކީ ދުވާލަކު ދެ ފޮށި ސިނގިރޭޓު ބޯ މީހެއް، ނޮވެމްބަރު ފަނަރަވަނަ ދުވަހުން ފެށިގެން ސިނގިރޭޓު ބުޔުން ހުއްޓާލަން ނިންމައިފިން" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ ވޭޕާއި ސިނގިރޭޓާއި ދެކޮޅަށް ރައީސް ނިންމެވި ނިންމެވުންތަކަކީ ބަރާބަރު ނިންމެވުންތަކެއް ކަމަށާއި މިއަދު ޒުވާނުން ސިނގިރޭޓަށް މަހެއްގެ މައްޗަށް ކުރާ ހަތް ހާސް އަށް ހާސް ރުފިޔާގެ ހޭދަ ކުރުން ހުއްޓާލުމުން ރީތި ބޫޓާއި ފައިވާނަށްވެސް އެރޭނެ ކަމަށާއި ރީތި އަންނައުނުވެސް ލެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަށްވެސް ރައީސްގެ ނިންމެވުމުގެ ސަބަބުން ފައިދާކުރާނެކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ ރައީސްގެ ނިންމެވުންތަކަކީ މިއަދުގެ ޒުވާން ޖީލަށް އަދި އަންނަން އޮތް ޒުވާން ޖީލަށާއި ކިޔަވާކުދިންނަށް އަދި ގައުމަށް ކޮށްދެވޭ ހެޔޮކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް