ގޭގައި ކައްކާ ނުކެޔަސް ސިނގިރޭޓު ގަނެގެން އުޅޭ މުޖްތަމައެއްގައި މިހާ މިންވަރަށް ސިނގިރޭޓުގެ އަގު ބޮޑުކޮށްލުން މިއީ ގަބޫލުކުރަން ދަތި ބަދަލެއް ކަމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ގަޕޯ މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި މިކަމާއި ގުޅޭގޮތުން ކުރިއަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ގަޕޯ ވިދާޅުވީ ދުންފަތުން ގެއްލުން ލިބޭކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް މިވަރަށް ޑިއުޓީ ކުރާއިރު މިއީ ރައްޔިތުންނަށް ތަހަންމަލު ކުރެވޭވަރުގެ ބަދަލެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އޮސްޓްރޭލިއާއަކީ ޖީ7 ގެ ގައުމެއް، ރާއްޖެއަކީ ތިންވަނަ ދުނިޔޭގެ ގައުމެއް، ރާއްޖެ ވާންޖެހޭތޯ ދުނިޔޭގެ ދެވަނައަށް އެންމެ ސިނގިރޭޓު އަގު ބޮޑު ގައުމަށް" ގަޕޯ ސުވާލު އުފެއްދެވިއެވެ.
ގަޕޯ އިތުރަށް ވިދާޅުވިއިރު މިހާރު ނަގަމުން އަންނަ ތިން ރުފިޔާގެ ބަދަލުގައި ފަސް ރުފިޔާ ނަގަނީ ނަމަ އެއީ ގަބޫލުކުރެވޭފަދަ އަގެއް ކަމަށާއި ނަމަވެސް މިހާރު މި ބޮޑުކުރާ މިނުން އަންނާނެ ބަދަލާއި އަދި ދެންވާނެ ގޮތަކާއިމެދު ވިސްނާފަ ނޫނީ ގޮތެއް ނިންމައިގެން ނުވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް