އެހީގެ ދެވަނަ ގާފިލާ ޣައްޒާއަށް ވަދެއްޖެ

މިސްރުގެ އިންސާނީ އެހީގެ ދެވަނަ ގާފިލާއެއް ކާމިޔާބުކަމާއެކު ޣައްޒާއަށް ވަދެއްޖެ އެވެ. ދެވަނަ ބުރުގައި އެ ސަރަހައްދަށް 17 ޓްރަކް ވަނީ ވަދެފަ އެވެ. މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެ...

22 Oct 2023 | 17:05

މިސްރުގެ އިންސާނީ އެހީގެ ދެވަނަ ގާފިލާއެއް ކާމިޔާބުކަމާއެކު ޣައްޒާއަށް ވަދެއްޖެ އެވެ.

ދެވަނަ ބުރުގައި އެ ސަރަހައްދަށް 17 ޓްރަކް ވަނީ ވަދެފަ އެވެ. މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ފެނާއި ބޭހާއި އެހެނިހެން ޒަރޫރީ ސާމާނު ހިމެނޭ މި އެހީގެ މަގްސަދަކީ ހަނގުރާމައިގެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ މަދަނީ އާބާދީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގެ ވަސީލަތްތައް ހީނަރުވެ، އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ ރަސްމީ އިދާރާ ކަމަށްވާ ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ތިން ދުވަހުގެ ތެރޭގައި ތެޔޮ ހުސްވާނެ ކަމަށާއި އެކަމުގެ ސަބަބުން އެ ޖަމިއްޔާގެ ހިދުމަތްތައް ހީވެސް ނުކުރާ ވަރުގެ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ ވަށައިގެން އެތައް ހާސް ސިފައިން ޖަމާކޮށް، ބިންތަކަށް އަރައިގަންނާނެ ކަމުގެ އިނޒާރު ފީފަ އެވެ. އެޖަމާއަތުން ބުނަމުން ދަނީ ކޮންމެ ދުވަހަކު ވެސް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ހަމާސްގެ ގިނަ ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުން މިހާރު ވެސް މަރުވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ މިއަދުން ފެށިގެން ހަމަލާތައް އިތުރުކޮށް ނުރައްކާ ބޮޑުކުރާނެ ކަމަށެވެ. އެހެންކަމުން ޣައްޒާ ސިޓީގެ ރައްޔިތުން އެމީހުންގެ ސަލާމަތަށްޓަކައި ދެކުނުން ދަތުރުކުރުމަށް ގޮވާލާ ކަމަށެވެ.

އިސްރާއީލުން ތަކުރާރުކޮށް ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުންނަށް އިންޒާރު ދީފައި ވަނީ އެއްގަމު އޮޕަރޭޝަނެއް ހިންގުމުގެ ކުރިން ދެކުނުން ދަތުރުކުރުމަށެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ބަހާފައިވާ ލީފްލެޓާއި ފޯން ކޯލްތަކުގައި ވާގޮތުން އުތުރު ޣައްޒާ ދޫކޮށް ނުގޮސްފިނަމަ އެމީހުންނަކީ ޓެރަރިސްޓުން ގެ ގޮތުގައި ބަލައި އޭގެ ނަތީޖާ ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް ޣައްޒާގެ އުތުރުގައި އަދިވެސް ފަލަސްތީނުގެ އެތައް ހާސް އާންމުން ތިބިއިރު، އިޒްރޭލުން ދަނީ ރަފާހް ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް