ފަރަންސޭސިވިލާތުން ބޮމުގެ ހަމަލާގެ އިންޒާރުތައް އަމާޒުވުމާ ގުޅިގެން ޕެރިހާއި، ވަށައިގެންވާ އެއާޕޯޓުތަކާއި، ރޭލު ސްޓޭޝަންތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި އެވެ.
ފްރާންސްގެ ޓްރާންސްޕޯޓް މިނިސްޓަރު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާގެ އިންޒާރުތައް އަމާޒުވުމާ ގުޅިގެން ވެރިރަށް ވަށައިގެންވާ އެއާޕޯޓުތަކާއި ރޭލުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.
ފްރާންސް އިންޓަގައި މިނިސްޓަރު ކްލެމެންޓް ބިއުން ވިދާޅުވީ ޕެރިސް އެއާޕޯޓުތަކުގެ ސެކިއުރިޓީ ޕެޓްރޯލް 40 ޕަސެންޓް އިތުރުކޮށް، ގައުމީ ރޭލްވޭ ކުންފުނި އެސްއެންސީއެފްގެ މުވައްޒަފުން 20 ޕަސެންޓް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.
މި ފިޔަވަޅުތައް އަޅާފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފްރާންސްގެ އުތުރުގެ އަރަސްގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ޓީޗަރަކަށް ވަޅިން ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ފްރާންސް މިހާރުވެސް ސަލާމަތީ އެންމެ މަތީ އެލާޓްގައި އޮތް ދަނޑިވަޅެއްގައެވެ. ފަހަކަށް އައިސް ބޮމުގެ ފޭކް އިންޒާރުތަކެއް ވެސް އެ ގައުމަށް ކުރިމަތިވެފައިވާ އިރު، އެ ހުރިހައި އިންޒާރެއްވެސް އައިސްފައިވަނީ ސްވިޒަލޭންޑްގެ އެއް އީމެއިލް އެޑްރެހަކުންނެވެ.
ޕެރިހުގެ ބޭރުގައި ވާ ވާސެލްސްގެ ގަނޑުވަރު ސަލާމަތީ ސަބަބުތަކަށްޓަކައި މިދިޔަ އަށް ދުވަހުގެ ތެރޭގައި ހަތް ވަނަ ފަހަރަށް ވަނީ ހުސްކޮށަފަ އެވެ. ނަމަވެސް ޗެކް ކުރުމަށް ފަހު ދެ ގަޑިއިރު ފަހުން އަލުން ހުޅުވާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް