ކުރިއަރ އަދި އެއަރކާރގޯ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމެންޓެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނެފައިވާގޮތުގައި މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ 2023 ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.
"މިތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ވަނީ ޕޮޒިޓިވްވެފައި، އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 2250 ގްރާމް ހުރި" ކަސްޓަމްސްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، 2023 އޮކްޓޯބަރ 05 ވަނަ ދުވަހު އިންޑިޔާއިން އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ 5 ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައިހުރިކަން ފާހަގަކުރެވިފައިވާކަމަށާއި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާއިރު މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3040 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެވެއެވެ.
ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ، 2023 އޮކްޓޯބަރ 07 ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ.
އެ ތަކެތި ފުރަތަމަ މަރުޙަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3550 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސްއިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް