ރަފާ ބޯޑަރަށް ނަޒަރު ހިންގާލާއިރު އެއް ބިތުގައި ހުރީ ފުރާ ބަރުކޮށްފައިވާ އެހީގެ ލޮރީތައް ކަމަށާއި އަނެއް ބިތުގައިވަނީ ބަނޑުހައިހޫނުކަން ކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރޭގައި ދެއްވި ސްޓޭޓްމަންޓެއްގައެވެ.
ގުޓަރޭޒް ވިދާޅުވީ ހަމާސް އިން ދިން ހަމަލާގެ ބަދަލުގައި މުޅި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ލާއިންސާނީ، ރަހުމުކުޑަ ހަމަލާތަކެއް ދިނުން އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލަމުން އަދި އާންމުންގެ ގެދޮރާއި ހޮސްޕިޓަލުތަކާއި ސްކޫލްތަކާއި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ އދ ގެ އިދާރާތަކާއި ޓީމުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް ގުޓަރޭޒް ގޮވާލެއްވިއެވެ.
އިއްޔެ ރަފާ ބޯޑަރު ހުރަސްކޮށް މިސްރުން ޣައްޒާއަށް 20 ލޮރީގެ އެހީ ވައްދާފައިވާއިރު ޣައްޒާގެ ބިމުގައި ތިބި އިންސާނީ އެހީދޭ ފަރާތްތަކުން ބުނި ގޮތުގައި އެއީ ކަނޑަކަށް ފެން ތިއްކެއް ވައްޓާލުންހާ މަދު އެހީ ކަމަށެވެ. އަދި އެ އެހީގެ ގާފިލާގައި އެއްވެސް ވަރަކަށް ތެޔޮ ހިމަނާފައިނުވުން އެއީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށެވެ.
އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ސްޓޭޓްމަންޓްގައި ވިދާޅުވެފައިވަނީ ރަފާ ބޯޑަރު މެދުވެރިކޮށް އިތުރު އެހީ ޣައްޒާއަށް އެތެރެކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކޮންމެވެސް ވަރެއްގެ އުންމީދެއްވެސް އެބަ އޮތް ކަމަށެވެ.
މި ހިނގާ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 4،385 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް