ދަރިވަރުންގެ ގައިގައި ރިވެތި އަޚުލާޤާއި، ދިވެހި އިސްލާމީ މުޖުތަމަޢުއަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމަށް އަމާޒުކޮށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
"ދަ ލީޑަރ އިން މީ"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، މިޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ޤައުމީ މަންހަޖުގައި ހިމެނޭ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް އެޅުންކަމަށެވެ. ޤައުމީ މަންހަޖު އެކުލެވިފައިވަނީ މައިގަނޑު 8 ޤާބިލިއްޔަތެއްގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޤައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ބާރު އަޅާ އަގު ތަކެއް ނުވަތަ ވެލިއުސްތަކެއް ހިމެނޭކަމަށެވެ.
އެގޮތުން ތިމާގެ އަމިއްލަ ނަފުސާ ގުޅުންހުރި އަގުތަކާއި ތިމާގެ އާޢިލާއާއި އަނެކުންނާ ގުޅުންހުރި އަގުތަކާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅުންހުރި އަގުތަކާއި ތިމާވެއްޓާއި ގުޅުން ހުރި އަގުތައް ޤައުމީ މަންހަޖުގެ ތެރެއިން ކިޔަވައިދެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ތެދުވެރިވުމާއި އިތުބާރުކުރެވޭ މީހަކަށްވުމާއި ނަޒާހަތްތެރިކަމާއި އިސްލާމް ދީނުގެ ރިވެތި ރިސާލަތުގެ މަތީގައި ދެމިތިބުންފަދަ ތިމާގެ އަމިއްލަ ނަފްސާގުޅޭ އަގުތަކުން ދަރިވަރުންނަށް އަމިއްލަ ނަފްސްއަށް އަޅާލާ އިހުތިރާމުކޮށް ކާމިޔާބާ ދިމާލަށް ދަތުރުކުރުމަށް ބާރުވެރިވެދޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއަކަށް ހޭނުމާއި މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، އިޖްތިމާޢީ އަދާލަތުގެ ރިވެތި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަތުމުން އެހެން މީހުންނާއެކު ގުޅިގެން ދުނިޔޭގެ ކޮންމެތަނެއްގައިވެސް ކާމިޔާބު ކަމާއެކު ދިރިއުޅުމަށް ދަރިވަރުން ހޭނޭކަމަށެވެ.
އަދި މަދަރުސާގައި ދެވޭ ކޮންމެ ފިލާވަޅަކުންވެސް، ހިންގޭ ކޮންމެ ހަރަކާތަކުންވެސް ދަރިވަރުން ގައިގައި އެ އަގުތަށް އަށަގެންނެވުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މަދަރުސާތަކުން ނުކުންނަ ކޮންމެ ދަރިވަރަކީ ސައްހަ އިސްލާމް ދީން މަތީގައި ދެމިތިބޭ، ޤައުމު ދެކެ ލޯބިވާ، 21 ވަނަ ޤަރުނުގައި ކާމިޔާބު ކަމާއެކު ދިރިއުޅުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ލިބިތިބި، ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކަކަށްވުން މުހިންމު ކަމަށް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ މަސްއޫދު ޢަލީ އަދި ހުޞައިން އަފީފްއެވެ. މާލޭގެ ސްކޫލްތަކުގެ އިތުރުން މި ބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައިވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް