ޖެނުއަރީ ޓްރާންފާގައި ވެސް ރޮނާލްޑޯ ދޫ ނުކުރާނަން - ޓެން ހާގް

އަންނަ ޖެނުއަރީ ޓްރާންސްފާގައި ވެސް ރޮނާލްޑޯ ދޫ ނުކުރާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑް ގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. މެންޗެސްޓަރ އިވްނިންގް ނިއުސްއާއި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޔުނައިޓެޑ...

22 Oct 2022 | 17:39

އަންނަ ޖެނުއަރީ ޓްރާންސްފާގައި ވެސް ރޮނާލްޑޯ ދޫ ނުކުރާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑް ގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

މެންޗެސްޓަރ އިވްނިންގް ނިއުސްއާއި ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޔުނައިޓެޑުގައި މިވަގުތު ފޯވާޑުންގެ ދަތިކަން އެބަ އޮތް ކަމަށާއި އެހެން ކަމުން އަންނަ ޖެނުއަރީ ޓްރާންސްފާގައި ވެސް ރޮނާލްޑޯ ކުލަބުން ދޫނުކުރާނެ ކަމަށެވެ.

އަދި މި ސީޒަން ނިމެން ދެން ރޮނާލްޑޯ ކުލަބުގައި މަޑުކުރާނެ ކަމަށާއި އަދި މި ސީޒަނުގައި ރޮނާލްޑޯގެ މަސައްކަތް ރަނގަޅު ނަމަ އިތުރު އެއް އަހަރު ކުލަބު ގައި މަޑުކުރުމުގެ ފުރުސަތު ރޮނާލްޑޯ އަށް ދޭނެކަމަށް ޓެން ހާގް ބުނެފައިވެއެވެ.

ރޮނާލްޑޯ އަކީ ޔުނައިޓެޑްގެ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑް ކުޅޭ ކޮންމެ މެޗެއްގައިވެސް ރޮނާލްޑޯގެ ކުޅުން ފެންނަން ބޭނުން ކަމަށް ޓެން ހާގް ބުނެފައިވެއެވެ.

ރޮނާލްޑޯއަށް އަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލައަކީ އަޚުލާގީ މައްސަލައެއް ކަމަށާއި، އޭނާއަށް އަސްޕެންސަނެއް ވެސް އަންނަން ޖެހުނީ އެ ސަބަބާއި ހެދިކަމަށް އޭނާ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށާއި އެހެން ކަމުން ކުލަބުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްވެސް ކުޅުންތެރިއަކު ޚިލާފު ވުމަކީ ކުލަބަށްވެސް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއްކަމަށް އޭނާ ބުންޏެވެ. ޓެން ހާގް ބުނީ އެލެކްސް ފާގަސަން ޔުނައިޓެޑް ދޫކޮށް ދިޔަ ހިސާބުން ފެށިގެން ކުލަބުގެ އަޚްލާގީ މިންގަނޑު ގެއްލިފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މިންގަޑު އަލުން އަނބުރާގެނައުމަށް ކަމަށެވެ.

ކުލަބު ސްޕޯޓަރުންނާއި ކޯޗަށް ރުޅިވެރިކަން ދައްކާ ހިތުހުރި ގޮތަކަށް އަމަލުކުމުގެ އިޚްތިޔާރެއް އެއްވެސް ކުޅުންތެރިއަކަށް ނޯންނާނޭ ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އަދި ރޮނާލްޑޯ އަކީ ޔުނައިޓެޑްގައި މުހިންމު ކުޅުންތެރިއެއްގެ އިތުރުން ކުލަބުގެ ލެޖެންޑެއް ކަމަށާއި ރޮނާލްޑޯ އަކީ ޔުނައިޓެޑްގެ ސަޕޯޓަރުން އެންމެ ލޯބިއާ ކުޅުންތެރިއާ ކަމަށް ޓެން ހާގް ބުނެފައިވެއެވެ. އެހެން ކަމުން އެއީ ރޮނާލްޑޯ އަބަދުވެސް ވިސްނަން ޖެހޭނެ ކަމެއް ކަމެއްކަމަށާއި އެފަދަ އަމަލުތައް ރޮނާލްޑޯގެ ފަރާތުން ފެނުމަކީ ދެރަކަމެއް ކަމަށް އޭނާ ބުންޏެވެ.

ޓެން ހާގް ބުނީ ޓީމުގެ ސްކޮޑުގައި ކުޅުންތެރިން ހިމެނުމާއި ނުހިމެނުން އެއީ އޭނށގެ ކަމެއް ކަމަށާއި ކުޅޭ ކޮންމެ މެޗަކީ މޮޅުވުން މަޖުބޫރު މެޗެއް ކަމުން މެޗުތަކަށް އަރުވާނީ ހުރިހާ ގޮތަކަށް ވެސް ބަލާފަ އެންމެ ރަނގަޅު ޕާފޯމަންސްއެއް ދެއްކޭ ކުޅުންތެރިން ކަމަށެވެ.

ޓޮޓެންހަމްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ 89 ވަނަ މިނެޓުގައި ބެންޗު ދޫކޮށް ރޮނާލްޑޯ ދިޔައިރު، ރޮނާލްޑޯ ވަނީ އެމެޗަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރަންވެސް ދެކޮޅުހަދާފައެވެ. މި މައްސަލައާއި ގުޅިގެން ރޮނާލްޑޯއަށް ޔުނައިޓެޑުން އަދަބުދީފައިވާއިރު، އޭނާ ވަނީ ޗެލްސީއާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ނެގި ސްކޮޑުން ވެސް ބާކީ ކޮށްފައެވެ. އަދި ރޮނާލްޑޯ މިހާރު ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ވެސް ސީނިއާރަ ސްކޮޑާއި ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް