މެކްސިކޯގެ މަތިންދާބޯޓެއް ގެއްލިއްޖެ

ޖަރުމަނުގެ ފަސް ޕަސިންޖަރުންނާއެކު ދަތުރު ކުރަމުން ދިޔަ މެކްސިކޯގެ ކުޑަ މަތިންދާބޯޓެއް އިއްޔެ މެންދުރުގެ ވަގުތެއްގައި ގެއްލިއްޖެއެވެ. ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ޚޯރްޚޭ ޓޯރެސްއާ ހަވާލާދީ، ބޭރުގެ ރިޕ...

22 Oct 2022 | 10:27

ޖަރުމަނުގެ ފަސް ޕަސިންޖަރުންނާއެކު ދަތުރު ކުރަމުން ދިޔަ މެކްސިކޯގެ ކުޑަ މަތިންދާބޯޓެއް އިއްޔެ މެންދުރުގެ ވަގުތެއްގައި ގެއްލިއްޖެއެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ޚޯރްޚޭ ޓޯރެސްއާ ހަވާލާދީ، ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެ މަތިންދާބޯޓު ގެއްލިފައިވަނީ ކޯސްޓާ ރިކާ ހިސާބުންނެވެ.

"ގެއްލިފައި ވަނީ މެކްސިކޯއިން ލިމޯން އެއާޕޯޓަށް ދަތުރު ކުރަމުން ދިޔަ ޕްރައިވެޓް މަތިންދާބޯޓެއް. އެ ބޯޓުގައި ޖަރުމަނަށް ނިސްބަތްވާ ފަސް ޕަސިންޖަރުން ދަތުރުކުރަމުން ދިޔަ" ޚޯރްޚޭ ވިދާޅުވެފައިވެއެވެ.

ޚޯރްޚޭ އިތުރަށް ވިދާޅުވީ، ކޮސްޓާ ރިކާ ކެރީބިއަންގެ ލަ ބައްރާ ޑި ޕެރިސްމިނާގައި ހުންނަ ކޮންޓްރޯލް ޓަވަރާއެކު މުއާމަލާތުގެ ޚިދުމަތް ކެނޑުމާއެކު އެ މަތިންދާބޯޓު ހޯދުމަށް އިންޓާނަލް ޕްރޮޓޮކޯލެއް ހިންގަން ފެށިކަމަށެވެ. ނަމަވެސް ރޭގަނޑުވުމާއި މޫސުން ގޯސްވުމުގެ ސަބަބުން މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލި ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި މެކްސިކޯގެ އެ މަތިންދާބޯޓު ގެއްލުނު ސަރަހައްދަކީ ގުދުރަތީ ޗެނަލްތަކާއި ކަނޑޫފާތަކުގެ ސަބަބުން އެ ސަރަހައްދަށް ވަނުމަށް ދަތި ސަރަހައްދެކެވެ.

ރޭގެ ވަގުތެއްގައި މަތިންދާބޯޓު ހޯދުމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް މިއަދު އަނެއްކާވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް