މުފްތީ މެންކުގެ ދަރުސްތަކުގެ މައުޟޫތައް ހާމަކޮށްފި، ސުވާލު ކުރުމުގެ ފުރުސަތެއް ނެތް!

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް)ގެ މިފަހަރުގެ ރާއްޖޭ ދަތުރުގައި ދަރުސް ދެއްވާ މައުޟޫތައް އާންމު ކޮށްފި އެވެ. އޭނާ ރާއްޖެ ވަޑައިގެންނަވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތ...

22 Oct 2022 | 09:47

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް)ގެ މިފަހަރުގެ ރާއްޖޭ ދަތުރުގައި ދަރުސް ދެއްވާ މައުޟޫތައް އާންމު ކޮށްފި އެވެ.

އޭނާ ރާއްޖެ ވަޑައިގެންނަވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ28-31 އަށެވެ. މި ދަތުރުގައި ހަތަރު ރަށެއްގައި ދަރުސް ދެއްވާނެ އެވެ.

އެންމެ ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ28 ވަނަ ދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގައި އެވެ. މިނިސްޓްރީން ބުނީ އެ ދަރުސްގައި ވާހަކަ ދައްކަވާނީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އާއި ގުޅޭގޮތުން ކަމަށެވެ.

އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދަރުސް ދެއްވަން ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫއަށެވެ. އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫއަށެވެ.

މުފްތީ އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިމަހުގެ 31ވަނަ ދުވަހުއެވެ. އެރޭގެ މައުޟޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ.

ކޮންމެ ދަރުސެއް ވެސް ފެށޭނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައި އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ. އެކަމަކު ދެއްވާ ދަރުސްތަކުގައި އާންމުންަނަށް ސުވާލު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުފްތީގެ މި ދަތުރުގައި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް