އިންޑިއާގައި ޒުވާން މުސްލިމް ދެމަފިރިއެއްގެ ކުއްލި މަރަށް ސަމާލުކަން!

އިންޑިއާގައި ކުއްލި ގޮތަކަށް ޒުވާން ދެމަފިރިއަކު މަރުވުމުން މީޑިއާގެ ސަމާލުކަން ހުއްޓިއްޖެ އެވެ. މަރުވެފައިވަނީ ދެ މުސްލިމުން ކަމަށްވާ އުމުރުން 26 އަހަރުގެ ޑރ. ސައީދު ނިސާރުއްދީން އާއި އޭނާގެ އަންހެނު...

22 Oct 2022 | 03:58

އިންޑިއާގައި ކުއްލި ގޮތަކަށް ޒުވާން ދެމަފިރިއަކު މަރުވުމުން މީޑިއާގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މަރުވެފައިވަނީ ދެ މުސްލިމުން ކަމަށްވާ އުމުރުން 26 އަހަރުގެ ޑރ. ސައީދު ނިސާރުއްދީން އާއި އޭނާގެ އަންހެނުން އުމުރުން 22 އަހަރުގެ މުހިމީން ސައިމާ އެވެ. މިހާދިސާ ހިނގީ ޓަލަންގާނާ ސްޓޭޓްގެ ވެރިރަށް ހައިދަރްއާބާދުގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމަފިރިން މަރުވެފައި ތިބީ އެމީހުން ދިރިއުޅޭ ގޭގެ ފާހާނާ ތެރޭގައި އެވެ. އެކަން ރިޕޯޓު ކުރީ އަންހެން ކުއްޖާގެ އާއިލާއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ އެޕާޓްމެންޓުގައި ދިރިއުޅެނީ އެ ދެމަފިރިން އެކަންޏެވެ.

ހައިދަރްއާބާދު ފުލުހުން ބުނެފައިވާ ގޮތުގައި ދެމީހުން މަރުވެފައިވާ ކަމަށް ބެލެވެނީ ފާހާނާގައި ހަރުކޮށްފައި ހުރި ހީޓަރުން ކަރަންޓު ޝޮކު ޖެހިގެންނެވެ، ފުލުހުން ބުނީ މަންޒަރު ފެންނަން ހުރި ގޮތުން ފިރިމީހާ މަރުވެފައިވަނީ އަންހެނުންނަށް ކަރަންޓު ޝޮކް ޖެހުމުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެވެ.

މިފަދަ ހާދިސާތައް އިންޑިއާގައި މީގެ ކުރިންވެސް ހިނގާފައިވެ އެވެ.

އެމީހުންނަށް ކަމެއް ވެއްޖެކަން އެނގުނީ އަންހެން މީހާގެ ބައްޕަ އޭނާއަށް އެތައް ފަހަރަކު ގުޅުމުންވެސް ފޯނު ނުނެގުމުން އެގެއަށް ގޮސް ދޮރުގައި ތެޅުމުން ނުހުޅުވާތީ އެވެ. އަންހެން މީހާގެ ބައްޕަ ބުނީ ބޮޑު ކަމެއް ވެއްޖެ ކަމުގެ އިހުސާސްވުމުން އެމީހުން އެގޭ ކުޑަދޮރުން ފަޅާލައިގެން ވަނީ ގެއިން ކަރަންޓު ކަނޑާލުމަށް ފަހު ކަމަށެވެ.

ބައްޕަ ބުނީ ދެމަފިރިން އޮތީ ފާހާނާތެރޭގައި ކަމަށެވެ.

މި މަރަށް ބޮޑު ސަމާލުކަމެއް ލިބުނީ ދެ މީހުން ކައިވެނި ކުރިތާ މާ ގިނަ ދުވަސް ވެފައި ނުވާތީ އާއި މިފަދަ ހާދިސާއެއްގައި އެކުގައި މަރުވެފައިވާތީ އެވެ.

ފިރިހެން މީހާ އަކީ ޓަލަންގާނާގެ ސިޓިއެއް ކަމަށްވާ ސޫރިއަޕެޓްގެ ސަރުކާރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. އަންހެން މީހާ އަކީ މެޑިސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް