ބައިލައްކަ އަށްވުރެ ގިނަ ރުފިޔާއާއި ގަހަނާތަކެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި ގަހަނާތަކެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީ ވެސް...

22 Oct 2015 | 09:04

ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި ގަހަނާތަކެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް މިމީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވިގެން މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ޕީޓްރަލް ހޮޓާ ހިމެނޭ ސަރަޙައްދުން ކަމަށެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރި އިރު އެތަނުން އެކެއްގެ އަތުން ވަގަށް ނަގާފައި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރިހި ފަށާއި ފަށު ފޫ ފެނުނު ކަމަށާއި އަދި އޭނާގެ އަތުން ސެމްސަންގް ޑުއޮސް ފޯނަކާއި ނޮކިޔާ ބައްތި ފޯނެއްވެސް ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ތެރެއިން އެކެއްގެ ވޮލެޓް ތެރެއިން ވަނީ -/51000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައި ވާއިރު މިފައިސާތަކުގެ ތެރޭގައި -/51000 ރުފިޔާގެ އިތުރުން  ޔޫއެސް ޑޮލަރާއި ރަޝިޔާގެ ފައިސާއާއި ސްރީލަންކަން ރުޕީސް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

"މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 އަހަރުގެ މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމް އާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް، އަދި އޭނާއަކީ ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހުއްޓާލާފައިވާތީ 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރުމަށްޓަކައި ހޯދަމުންދާ މީހެއް" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ ހިމެނޭ 21 އަހަރުގެ މީހާއަކީ މަސްތުވާ ތަކެއްޗާއި ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ އިތުރުން ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް