ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ލިބިލިފައިވާ ނަތީޖާއަށް ބަލާއިރު އަނޫރާ ކުމާރަ ޑިސެނަޔަކަ އުޅޭތަން ފެންނަނީ ބޮޑުތަނުން ކުރީގައެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު އަނޫރާއަށް ޖުމްލަ ނަތީޖާގެ 52 އިންސައްތަ ކަށަވަރު ކުރެވިފައިވާއިރު އަނޫރާއާއި އެންމެ ގާތުން ވާދަކުރަނީ ސަޖިތު ޕްރެމަދާސައަށް ލިބިފައިވަނީ 23 އިންސައްތަ ވޯޓެވެ. އަދި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހައަށް އަދި ލިބިފައިވަނީ 16 އިންސައްތައެވެ. އަދި ކުރިން ބޮޑުވަޒީރު ކަމާއި ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް އަށް އަދި ލިބިފައިވަނީ ގާތްގަނޑަކަށް އެންމެ ތިން އިންސައްތަ ވޯޓެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އެންމެ ތިން ގޮނޑި ތަމްސީލުކުރަމުން އަންނަ ޖަނަތަ ވިމުކްތީ ޕެރެމޫނާ (ޖޭވީޕީ) ހިމެނޭހެން އެކުލަވާލާފައިވާ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަނޫރާ، ސިޔާސީ ގޮތުން ވަރުގަދަ މޫނުތަކަކާ ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނައިރު އަނޫރާއަށް ބޮޑު މަގްބޫލުކަމެއް ލިބިގެންގޮސްފައިވަނީ ކެމްޕޭނުގެ ތެރޭގައި ކޮރަޕްޝަނާއި ދެކޮޅަށް އަދި ފަގީރުންގެ ހައްގުތަކާއި އެއްކޮޅަށް ކުރި ވަކާލާތުތަކާއި އެކުގައެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ މިއަދު ސާފުވެގެންދާނެއެވެ. ނަތީޖާ މިހާތަނަށް ދައްކާގޮތުން މިހާރު އެ ފެންނަވަރުގެ ނަތީޖާއަކާއި ބޮޑު ތަފާތަކާއެކު އަނޫރާ ލަންކާގެ ރައީސްކަން ކާމިޔާބު ކުރައްވާނެ ކަމުގައި ބެލެވެއެވެ. އެހެންވެއްޖެނަމަ އަނޫރާ ވެގެންދާނީ އެ ގައުމުގެ 10 ވަނަ ރައީސަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް