ހުޅުމާލެ ފޭޒް ތިނެއްގެ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.
އަރބަންކޯއިން ބުނެފައިވާގޮތުގައި މި މަޝްރޫއަކި މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.
ހުޅުމާލެ ފޭޒް ތިނެއްގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށާފައިވާއިރު މި މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް ކަމުގައި އަރބަންކޯއިން ދެކެއެވެ.
"ހަމަ އެހެންމެ ހުޅުމާލޭގައި މިހާރު ތަރައްގީ ކުރެވެމުންދާ ފިޔަވަހިތަކެކޭވެސް އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އެންމެ އަދާހަމަ ބީދައަކުން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ހިތްގައިމު ޕާރކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެކެވެ." އަރބަންކޯއިން ބުނެފައިވެއެވެ.
އަރބަންކޯއިން އިތުރަށް ބުނެފައިވަނީ މިއާއެކު ހުޅުމާލެ ފޭޒް ތިނެއްގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅުގެ ތަފާތު މަޝްރޫއުތައް މިހާރުވެސް ދަނި ކުރިއަށް ކަމަށާއި އެގޮތުން މި މަޝްރޫޢުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށްވެސް އެތައް ހައްލެއް ލިބިގެންދާނެ މަޝްރޫޢުތަކެއް ކަމަށެވެ. އަދި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް