ރިޝްވަތަކީ ކަށްވަޅު އަނދިރިކޮށް، އީމާންކަމުގެ ނޫރު ނިވާލާ އެއްޗެއް: ޚުޠުބާ

ރިޝްވަތަކީ ކަށްވަޅު އަނދިރިކޮށް، އީމާންކަމުގެ ނޫރު ނިވާލާ އެއްޗެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުވާ، 'ރިޝްވަތު ދިނުމާއި ރިޝްވަރު ހިފުމުގެ ނުބައިކަން' މި މައުޟޫއަށް ހާއްސަ ކޮށްފިއެވެ. ޚުޠ...

22 Sep 2023 | 08:13

ރިޝްވަތަކީ ކަށްވަޅު އަނދިރިކޮށް، އީމާންކަމުގެ ނޫރު ނިވާލާ އެއްޗެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުވާ، 'ރިޝްވަތު ދިނުމާއި ރިޝްވަރު ހިފުމުގެ ނުބައިކަން' މި މައުޟޫއަށް ހާއްސަ ކޮށްފިއެވެ.

ޚުޠުބާގައި ބުނީ، މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާ ތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވާލުމަށް އެންމެ އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ.

ސަބަބަކީ އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރެވެމުންދާ ކަމަކަށް ވާތީއެވެ.

ރިޝްވަތަކީ، ތިމާއަށް ހައްގު ނޫން ކަމެއް، ނުވަތަ ހައްގު ނޫން އެއްޗެއް، ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް، ނުވަތަ ތިބާ ކަމަކުން ބަރީއަވެ، ސަލާމަތްވުމަށް ފައިސާ ނުވަތަ އެ ނޫންވެސް އެއްޗެއް، މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުމެވެ.

"ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތުގެ ރިޝްވަތުގެ އަމަލުތައް ވަނީ އާއްމުވެފައި. އަދި ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް ގޮތަކުން، ކޮންމެވެސް މިންވަރަކަށް ރިޝްވަތަކާ ނުލާ އެއްވެސް ކަމެއް ނުކުރެވޭ"

އެފަދަ މުޖުތަމައުތަކުގައި އަދުކު އިންސާފު ގާއިމު ކުރަން ހުންނަ އިދާރާތަކުގައިވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައި ވާކަމަށް ޚުޠުބާގައި ބުންޏެވެ.

އެއީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަން ކަމަށާއި އަދި އެއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި، ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުވެސް އެ ވަބާގައި ޖެހިފައިވާ ކަމަށެވެ.

"ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ވަނީ ދެކެން ފަށާފަ" ޚުޠުބާގައި ބުންޏެވެ.

ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާ އަދި ރިޝްވަތު އުފުލާ މީހާއަށް މާތް ﷲ ވަނީ ލައުނަތް ލައްވާފައި ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ރިޝްވަތު ހަރާމް ކުރައްވާފައި ވަނީ، ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަަކަށް ވާތީ ކަމަށް ޚުޠުބާގައި ބުންޏެވެ.

ރިޝްވަތު އާއްމުވެފައިވާ މުޖުތަމައެއްގައި ހަމަނުޖެހުމާއި އަމާންކަން ގެއްލިދާނެ ކަމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ބުނީ، ރިޝްވަތަކީ ހަރާމް އެއްޗަކަށް ވީހިނދު، އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ އެއްޗެއް އަނބިދަރިންނާއި ގާތްތިމާގެ މީހުންނަށްވެސް ކާންދީގެން ނުވާނެ ކަމަށެވެ.

ރިޝްވަތު ދިނުން ފަދަ ނޭދެވޭ އަމަލުތައް މުޖުތަމައުގައި ގިނަވެ، އެ ކަންތައްތައް އާއްމު ވެއްޖެ ނަމަ، އެއީ ނުބައި ކަމެއް ކަމަށް މީސްތަކުންނަށް ހީނުވާ ދަރަޖައަށް އެކަން ފެތުރިދާނެ ކަމަށާއި، އެއީ ހަދިޔާ ބަދަލު ކުރުން ފަދަ ކަމެއް ކަމަށް މީސްތަކުންނަށް ހީވެދާނެ ކަމަށް ޚުޠުގާބައި ބުންޏެވެ.

ނަމަވެސް ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުން ކުރެވޭ ވަރުގަދަ ޒަހަރެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ރިޝްވަތު ދޭ މީހާކާއި، އެ ބަލައިގަންނަ މީހާއާއި އެ އުފުލާ މީހާއަށް ޚުޠުބާގައި ހަނދާން ކޮށްދީފައި ވަނީ ތިމާ ކަށްވަޅުގައި އޮންނަން ޖެހޭނެ ވަގުތެވެ. އަދި އެއީ ކަށްވަޅު އަނދިރި ކޮށް، އީމާން ކަމުގެ ނޫރު ނިވާލާ އެއްޗެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ހަރާމް ގޮތުގައި ހޯދާ ތަކެތިން ކައިބޮއެ އުޅުމާއި އުނުފޭރާން ލުމަކީ އެމީހެއްގެ އަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް