ޓައިވާން ކައިރީގައި ޗައިނާއިން އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޓޯކިޔޯއިން އެގައުމުގެ އަސްކަރިއްޔާއަށް އިތުރު ދެ އޮފިސަރަކު އިސްކޮށްފިއެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މި ފިޔަވަޅުތަކުން ދައްކުވައިދެނީ ޓައިވާން ކަނޑުއޮޅިން އެ ދަރަޖައަށް ޓޯކިޔޯއިން ދޭ އަހަންމިއްޔަތު އިތުރުވަމުންދާ މިންވަރެވެ.
ޖަޕާނުގެ އިންޓަނޭޝަނަލް ކްރިސްޓިއަން ޔުނިވާސިޓީގެ ރީޖަނަލް ސެކިއުރިޓީ އެކްސްޕާޓެއް ކަމަށްވާ ސްޓެފަން ނާގީ ވީއޯއޭ އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޓައިވާނުގެ ކައިރީގައި ޗައިނާއިން ވަރަށް ހަރުކަށި ހަރަކާތްތަކެއް ހިންގަމުންދާ ކަމަށާއި ޖަޕާނުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ވޮއިސް އޮފް އެމެރިކާ އަކީ އެމެރިކާގެ ސަރުކާރު ހިއްސާވާ ނިއުސް ނެޓްވޯކް އަދި ބައިނަލްއަގުވާމީ ރޭޑިއޯ ބްރޯޑްކާސްޓަރެވެ.
"ޖަޕާނުން ބެއިޖިންއަށް ސިގްނަލެއް އެދެނީ، ޓައިވާނަށް ތާއީދުކުރާ ފަރާތްތައް ދިފާއީ ދާއިރާއާ ގުޅުން ހުރި މަގާމުތަކަށް އައްޔަންކޮށް ޓައިވާން ކަނޑުއޮޅިން ސުލްހަ މަސަލަސްކަމަށް އިސްކަން ދޭން މަސައްކަތް ކުރާ ކަމުގެ އިޝާރާތެއް،" އޭނާ ވިދާޅުވި އެވެ.
ތައިޕޭގައި ޖަޕާނުގެ މަސްލަހަތު ތަމްސީލުކުރާ ޖަމިއްޔާ، ޖަޕާން-ޓައިވާން އެކްސްޗޭންޖް އެސޯސިއޭޝަންގެ ދައުރަށް ޖަޕާން ސެލްފް ޑިފެންސް ފޯސްގެ ރިޓަޔާޑް އޮފިސަރުން އައްޔަން ކުރުމުގެ ކުރީގެ ސިޔާސަތު ބަދަލުކޮށް، ޓައިވާނުގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ޑި ފެކްޓޯ ޑިފެންސް އެޓާޗީގެ މަގާމަށް ޖަޕާނުން މިދިޔަ ހަފުތާގައި ވަނީ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ހަމަޖައްސައިފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ޓައިވާން ކަނޑުއޮޅިން ސަލާމަތީ ހާލަތާ ގުޅޭ ވާހަކަތަކުގެ ފެންވަރު ރަނގަޅު ކުރަން ޓޯކިޔޯ އިން ބޭނުންވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ޑި ފެކްޓޯ ޑިފެންސް އެޓާޗީއަކަށް އެންމެ ރަނގަޅު ބޭފުޅަކު ހަމަޖެއްސުމުން އެ އަމާޒަށް ވާސިލްވެވޭނެ ކަމަށް އުއްމީދު ކުރެ އެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ އީސްޓް އޭޝިއާގެ ވޯ އެންޑް ސްޓްރެޓެޖީގެ ޕްރޮފެސަރު އެލެސިއޯ ޕަޓަލާނޯ ވިދާޅުވި ގޮތުގައި މި [ފިޔަވަޅަކީ] އިންސާނީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ ގާބިލުކަން ދައްކުވައިދޭ ފިޔަވަޅެކެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވެސް ވަނީ ޖަޕާނުގެ އާ ޑިފެންސް މިނިސްޓަރުގެ މަގާމަށް ޓޯކިޔޯ އާއި ޓައިޕޭއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ރެކޯޑް އޮންނަ ސިޔާސީ ބޭފުޅެއް ކަމަށްވާ މިނޯރު ކިހާރާ އައްޔަން ކުރައްވައިފަ އެވެ. ކިހާރާ އެ މަގާމަށް އައްޔަން ކުރައްވާފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ޖަޕާން ސަރުކާރުން އިއުލާނުކުރި ކެބިނެޓަށް ގެނައި ބަދަލުގެ ތެރެއިންނެވެ.
ޖަޕާން-ޓައިވާން އިންޓަ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ކިހާރާ ވަނީ މިދިޔަ އޮގަސްޓް މަހު ޖަޕާނުގެ ޕާލަމެންޓްރީ ވަފުދުގައި ހިމެނިވަޑައިގަންނަވާ ޓައިވާނަށް ވަޑައިގެންފަ އެވެ. ކިންގްސް ކޮލެޖުގެ ޕަޓަލާނޯ ވިދާޅުވި ގޮތުގައި އޭނާ އެ މަގާމަށް އައްޔަން ކުރުމުން ދޭހަވަނީ ޓައިވާން ކަނޑުއޮޅިގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ޖަޕާނުން އަދާކޮށްފާނެ ނުވަތަ އަދާނުކުރާނެ ދައުރަކީ ކޮބައިކަން ދެނެގަނެވޭނެ ގާބިލް މީހަކު ޓޯކިޔޯގައި ހުންނަން ބޭނުންވާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް