ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ވަކި ބައެއްގެ ބާރު ހިންގާތަނެއް ނޫން ކަމަށް ބުނެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ހިޔާ ފްލެތަތަކަށް ޒިޔާރަތް ކުރައްވައިފިއެވެ.
މަހުލޫފް ވިދާޅުވީ، ހިޔާ ފްލެޓު ތަކުގައި ދިރިއުޅޭ ބައެއް ގޭގެއަށް އިއްޔެ ޒިޔާރަތް ކޮށްލެވުނު ކަމަށެވެ. އަދި ހިޔާ ފުލެޓު ތަކަކީ ވަކި ބައެއްގެ ބާރު ހިނގާ އަދި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގާތަށްގޮސް ހާލުބެލުމަކީ އެމްޑީޕީއަށް ނުކުރެވޭނެ ކަމެއްކަމަށް ބުނެ ދައްކަމުން ދިޔައީ ހަގީގަތާއި ހިލާފު ވާހަކައެއްކަން ޔަގީންކުރެވުނު ކަމަށެވެ.
"މިރޭ ހިޔާ ފުލެޓުގައި ދޮރުން ދޮރަށް ހިނގުން. ހަމަ ހަގީގަތުގައިވެސް ވަރަށް ހިތްހެޔޮ ރައްޔިތުން ދިރިއުޅުއްވާތަނެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް މިފަދައިން ވިދާޅުވެފައި މިވަނީ، ކެމްޕޭނަށް މެޑަމް ފަޒުނާ އަހުމަދު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެންނެވުމުން ދިމާވި ހާދިސާއަކާ ގުޅިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކެމްޕޭނަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުން ހިނގާދިޔަ ކަންތައްތަކަށްފަހު ސޯޝަލް މީޑިއާގައި މެޑަމް ފަޒްނާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ސަރަހައްދުން ބަޔަކު އެކަމަނާއާ ދިމާކޮށްލާފައިވާ ކަމަށެވެ.
އެ ތަޖުރިބާ ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވެފައިވަނީ ފޭޒް ދޭއްގައި ދޮރުން ދޮރަށް ހިނގިއިރު ބޮޑު ދެ ފިރިހެނަކު ފުރައްސާރަކުރަމުން ފަހަތުން ހިނގި ކަމަށާއި އެއީ އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރާ ދެމީހެއް ކަމަށެވެ.
“މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގިނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ، މި ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ” ފަޒްނާ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވާފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ކުރި ފުރައްސާރައިގެ ސަބަބުން ވީ ފައިދާ ކަމަށާއި މީހުން އައިސް ސަލާންކޮށް ގައިގާ ފިރުމާ އެކުގައި ފޮޓޯނަގަން އެދުނު ކަމަށެވެ. ދާން ޝެޑިއުލްކޮށްފައިނުވާ ފްލެޓްތަކަށްވެސް ދާން ދައުވަތު ލިބުނު ކަމަށެވެ.
ފަޒްނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު ނިންމާލީ އެހެން މީޓިން އެއް އޮތުމުން ކަމަށާއި އަދި ހިޔާ ފްލެޓް ސަހައްދަށް ޒިޔާރަތްކުރައްވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް