ދިރާގައި ބައިކް މޯލްޑިވެސް ގުޅިގެން ބޭއްވި މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ގެ ތިންވަނަ އެޑިޝަންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
32 ސްކޫލުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވި މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 16 އިން 17 ސެޕްޓްންބަރުގެ ނިޔަލަށް ހުޅުމާލެ ފޭސް ދޭއްގެ ގެ ސައިކްލިން ޓްރެކްގައެވެ.
ރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ ދިރާގުގެ އުންމީދަކީ މި އިވެންޓުގެ ސަބަބުން ބައިސްކަލު ދުއްވުމަކީ ސްކޫލް ކުދިންގެ މެދުގައި މަޤްބޫލް ހަރަކާތަކަށްވުން ކަމަށާއި އަދި މިއީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށްވެސް ކުރެވޭނެ ފައިދާކުރުވަނިވި ކަމެއްކަން ފާހަގަކޮށްލަން ބޭނުންވާކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބައިކް މޯލްޑިވްސްގެ ރައީސް ޒުލައިޚާ ހަސަން ދީދީ ވިދާޅުވީ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން މި އިވެންޓަށް ލިބުނު އެއްބާރުލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގައި ވާދަވެރި ދުއްވުންތެރިންތަކެއް އުފެދި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރެވޭނެ ކަމުގެ އުންމީދު ކުރައްވާކަމަށެވެ.
"މިގޮތުން ރާއްޖޭގައި ބައިސްކަލް ދުއްވުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.
އިނާމު ދިނުމުގެ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ، ޑރ. އަބްދުﷲ ނަސީރެވެ. މި ހަފްލާގައި ވަނީ ކޮންމެ ވާދަވެރި ކެޓަގަރީއަކުން އެންމެ މޮޅު ތިން އަންހެން އަދި ފިރިހެން ދުއްވުންތެރިންނާއި ކޮންމެ މިކްސްޑް ޓީމް ޕާސުޓް އުމުރުފުރާއަކުންވެސް އެންމެ މޮޅު ތިން ޓީމް ހޮވާފައެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވިއެވެ.
- 13 އަހަރުން ދަށުގެ ފިރިހެން - އިސްކަންދަރު ސްކޫލް
- 13 އަހަރުން ދަށުގެ އަންހެން - ކަލާފާނު ސްކޫލް
- 15 އަހަރުން ދަށުގެ ފިރިހެން - ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
- 15 އަހަރުން ދަށުގެ އަންހެން - ގާޒީ ސްކޫލް
- 17 އަހަރުން ދަށުގެ ފިރިހެން - ހިރިޔާ ސްކޫލް
- 17 އަހަރުން ދަށުގެ އަންހެން - ހިރިޔާ ސްކޫލް
- 19 އަހަރުން ދަށް – ސެންޓރ ފޯ ހަޔާރ ސެކަންޑަރީ އެޑިއުކޭޝަން
މިއަހަރުގެ ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ 100 އިންސައްތަ ގްރީން އެނަރޖީ އިވެންޓެވެ. މި ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނެގިފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދާ، ޕޯޓަބަލް ޕަވަރ ސްޓޭޝަންތަކަކުންނެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށްކަމުގައި ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް