ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި ޝެއިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
މިދިޔަ ޖޫން މަހު ހިނގި މި ހަމަނުޖެހުމާއި ގުޅިގެން އޭނާ ހައްޔަރު ކޮށްފައި މަހެއްހާ ދުވަހު ބެހެއްޓި އެވެ. ޖުލައި މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.
ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ފަޒްލޫން ދޫކޮށްލަން ނިންމިއިރު އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާއި އޭގެ ނިސްބަތަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ އޭނާގެ ބަންދަށް ލުއި ދޭން ނިންމި ސަބަބެއް އެނގެން ނެތް ކަމަށެވެ.
މިގޮތަށް ހުކުމް ކުރި ނަމަވެސް ޝެއިހް ފަޒްލޫން އަލުން ބަންދު ކުރާކަށް ކޯޓުން ނާންގަ އެވެ. އެކަމަކު ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް