ރައީސް ހުންނަވަން ޖެހޭނީ އަބަދު އޮފީހަކު ނޫން، ޔާމީންވެސް ބޭރަށް 30 ދަތުރު ކުރެއްވި: މިއުވާން

ރައީސަކަށް ހުންނަވާ ބޭފުޅަކު އަބަދު ހުންނަވަން ޖެހޭނީ އޮފީހުގައި ކަމަށް ބެލުމަކީ ގޯހެއް ކަމަށް ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހ...

22 Sep 2022 | 11:02

ރައީސަކަށް ހުންނަވާ ބޭފުޅަކު އަބަދު ހުންނަވަން ޖެހޭނީ އޮފީހުގައި ކަމަށް ބެލުމަކީ ގޯހެއް ކަމަށް ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދު އުޅުއްވަނީ ރާއްޖެއިން ބޭރުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އަދި ދަތުރުފުޅުތަކެއް ކުރައްވަ އެވެ. އަދި އެކި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެދަތުރުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ބާއްވާ އެކި ކޮންފަރެންސްތަކާއި ބައްދަލުވުންތަކާއި އަދި ބޭރު ގައުމުތަކުން ދައުވަތު އަރުވައިގެން އެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ވެސް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކުގެ ވާހަކަދައްކާއިރު ކުރީ ސަރުކާރުން ކޮށްފައިވާ ދަތުރުތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް 30 ދަތުރު ކުރެއްވި ކަމަށް ވިދާޅުވި އެވެ.

އޭގެ ތަފްސީލްވެސް މިއުވާން ހާމަ ކުރެއްވި އެވެ. އެއީ ސިންގަޕޫރަށް ނުވަ ދަތުރުފުޅު، ސައުދީ އަށް ހަ ދަތުރުފުޅު، މެލޭޝިއާ އަށް ހަތަރު ދަތުރުފުޅު، ޗައިނާ އަށް ތިން ދަތުރުފުޅު އަދި އިންޑިއާ އަށް ތިން ދަތުރުފުޅެވެ.

މީގެ އިތުރުން ސްރީ ލަންކާ އަށް ދެ ދަތުރުފުޅު ކުރައްވާފައިވާއިރު ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ، ކޮންމެ ގައުމަކަށް އެއް ދަތުރުފުޅު ކުރައްވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން މި ހިސާބުތައް ދެއްވި އިރު މިހާތަނަށް ރައީސް ސޯލިހު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވި އަދަދާއި ގައުމުތަކުގެ ނަން ހާމައެއް ނުކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް