ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފްތާގައި އަތޮޅު ތެރެއަށް އިތުރު ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
އެމަނިކުފާނު އެންމެ ފަހުން އަތޮޅު ތެރެއަށް ވަޑައިގެންނެވީ ލ. އަތޮޅަށް، ވިޔަވަތި ކޮންފަރެންސަށެވެ. އެއީ މިމަހުގެ 10-13 އަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ހަފްތާގެ ދަތުރުފުޅުގައި ރައީސް ވަޑައިގެންނަވާނީ ހއ. ދެ ރަށަކަށާއި ހދ. ގެ ދެރަށަކަށް ކަމަށެވެ. އެއީ ހއ. ދިއްދޫ، އުތީމު އަދި ހދ. ފިނޭ އާއި ނައިވާދޫ އަށް ކަމަށެވެ.
އެ ދަތުރުފުޅަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.
އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި އަންނަ އަންގާރަ ދުވަހު ގައުމީ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް