ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނުު ނޫސް ބަޔާނެއްގައި ބުނީ މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 5،777.45 ރުފިޔާ ކަމަށެވެ. މިއަދަދުން މުދަލު ޒަކާތް ބަލައިގެންނަން ފަށާފައިވަނީ މިމަހުގެ20 ވަނަ ދުވަހުން ފެށިގެންނެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތަކީ އިސްލާމް ދީނުގެ ރުކުނަކަށް ވީހިނދު އެމީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ އެއް އަހަރު ހަމަވުމުން ޝަރުއީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސް ބައި ކުޅަ އެއްބައި ނެރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އެއީ2.5 ޕަސެންޓެވެ.
އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައީ މިއަހަރުގެ ޖޫނ ް16 ވަނަ ދުވަހު އެވެ. އެއީ 6396.25 ރުފިޔާ އެވެ.
އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. މިދިޔަ އަހަރު މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 85 މިލިޔަން ރުފިޔާވަނީ ބަލައިގަނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް