ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ ލޯބިވެރިންގެ ގޮތުގައި އެއްފަހަރާ ދެމީހުން ގެންގުޅުނު ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.
ކަރަންގެ ޝޯ "ކޮފީ ވިތް ކަރަން" ގައި ވާހަކަ ދައްކަމުން ކަރަން އެ މައުލޫމާތު ދިނީ އަނަންޔާގެ މަންމަ ބަވާނާ ޕާންޑޭ އަށެވެ. ޕްރޮގްރާމްގެ ތެރެއިން އެ ވާހަކަ ފެށީ އަންނަޔާގެ ބެސްޓް ފްރެންޑު ސުހާނާ ހާންގެ މަންމަ ގޯރީ ހާނާއި ކުރި ސުވާލަކާއި ހިސާބުންނެވެ.
ގޯރީ އާއި ކުރި ސުވާލުތަކެއްގައި ކަރަން އެހީ ސުހާނާއަށް މަންމައެއްގެ ހައިސިއްޔަތުން ދޭން ބޭނުންވާ ނަސޭހަތަކީ ކޮބައިތޯ އެވެ. އޭގެ ޖަވާބުގައި ގޯރީ ބުނީ އެއް ފަހަރާ ދެ ފިރިހެނުންނާއި ރައްޓެހިވެގެން ނޫޅުމަށް ދަރިފުޅަށް ނަސޭހަތް ދޭ ކަމަށެވެ.
އެހެން ބުނުމާއި އެކު ކަރަން ވަނީ ބަވާނާއަށް ދިމާ ބަލާލުމަށް ފަހު އަނަންޔާ އެކަން ކޮށްފި ކަމަށް ބުނެފަ އެވެ. އެވަގުތު ދަރިފުޅު ދިފާއު ކުރުމުގެ ގޮތުން ބަވާނާ ބުނީ އަނަންޔާ ދެވަނަ މީހަކާއި ގުޅުނީ ކުރީގެ ލޯބިވެރިޔާ އާއި ރުޅިވުމަށް ފަހު ކަމަށެވެ.
ކަރަން އެހެން ބުނަން ޖެހުނީ އެ ޝޯގެ ކުރީގެ އެޕިސޯޑަކަށް އަނަންޔާ ގޮސް ދެއްކި ވާހަކަތަކެއްގައި ފިލްމު "ލިގާ" ގެ މަސައްކަތް ކުރި އިރު އޭގެ ލީޑް ރޯލް ކުޅުނު ތަރި ވިޖޭ ދެވަރަކޮންޑާ އާއި އެކު ޑޭޓަކަށް ދިޔަކަމަށް އަނަންޔާ ބުނުމުންނެވެ. އޭރު އޭނާ އުޅުނީ ދާދި ފަހުން ރުޅިވި އިޝާން ކައްކަރާއި ރައްޓެހިވެގެންނެވެ.
އެ ދެމީހުން ރުޅިވާން ޖެހުނު ސަބަބެއް ނޭނގެ އެވެ. ދެމީހުން އެކުގައި ތިން އަހަރެއްހާ ދުވަސް ހޭދަ ކުރި އިރު ދެމީހުން ފެނިފައިވަނީ ވަރަށް ލޯބިން އުޅުނު ބައެއްގެ ގޮތުގައި އެވެ.
އަނަންޔާ ވަނީ މިހާރު އޭނާ ޑޭޓް ކުރަން ބޭނުންވާ މީހަކީ ވިޖޭ ކަމަށް ބުނެފަ އެވެ. އޭނާ ކައިރީ ރައްޓެހިވާން އެހި ނަމަވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އަނަންޔާ ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް