އިރާނުގެ މަހްސާގެ މަރު: ބުރުގާތައް އަންދަމުންދާ މުޒާހަރާތަކުން ފަސް މީހުން މަރުވެއްޖެ

އީރާނުގެ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވި މައްސަލައިގަ ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އޭގެ ތެރެއިން ފަސް މީހުން މަރުވެއްޖެ އެވެ. މަހްސާ މަރުވީ އެގައުމުގެ ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެނ...

22 Sep 2022 | 06:16

އީރާނުގެ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ މަރުވި މައްސަލައިގަ ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އޭގެ ތެރެއިން ފަސް މީހުން މަރުވެއްޖެ އެވެ.

މަހްސާ މަރުވީ އެގައުމުގެ ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓެއް ކަމަށްވާ "މޯރަލިޓީ ޕޮލިހުން" ގެ ބެލުމުގެ ދަށަށް ގެންދިޔަތާ ހަތަރުވަނައަށްވީ ދުވަސް ކަމަށްވާ މިދިޔަ ހުކުރު ދުވަހު އެވެ. އެ ޑިޕާޓްމެންޓަކީ އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފަށް އާންމު ތަންތަނުގައި އަމަލު ކުރާ މީހުންނަށް ފިޔަވަޅު އަޅައި ނަސޭހަތް ދިނުމަށް ހާއްސަ ޑިޕާޓްމެންޓެކެވެ.

އީރާނު ސަރުކާރުން ވަނީ މަހްސާ މަރުވީ ފުލުހުންގެ އިހުމާލުން ނޫން ކަމަށް ބުނެފަ އެވެ. އީރާނު ފުލުހުން ބުނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އޭނާ މަރުވުމާއި ގުޅިގެން އީރާނުގެ އާންމުން ރުޅިގަދަވެ ކުރަމުންދާ މުޒާހަރާތައް މީންދުވަހަކު މަޑު ޖެހިދާނެ ކަމަށް ގަބޫލެއް ނުކުރެ އެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާއިރު މިހާތަނަށް ފުލުހުންގެ ހަމަލާތަކުގައި ފަސް މީހުން މަރުވެފައިވެ އެވެ.

އެމީހުން މަރުވީ ކުރްދިޝް ރީޖަންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުންނެވެ. މި ހަމަލާތަކުގައި 75 މީހުން ޒަހަމްވެފައިވެ އެވެ.

ތެހެރާންގެ ގަވަރުނަރު މުހުސިން މަންސޫރީ އާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހެނީ މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކުގައި ފުލުހުންނަށް ހަމަލާދޭތީ އެވެ. އަދި އާންމުންގެ މުދަލަށްވެސް ބައިވެރިން ގެއްލުންދޭ ކަމަށާއި އެއީ ދުރާލާ ރާވައިގެން ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ.

މި މުޒާހަރާތަކުގައި އީރާން ސަރުކާރުގެ ދެކެ ރުޅި އައިސްގެން އަންހެންވެރިން ދަނީ ބުރުގާ ބާލައި މަގުމަތީގައި އަންދަމުންނެވެ. އަދި އިސްތަށިގަނޑު ކޮށާލައި އެ އިސްތަށިތައްވެސް ދަނީ އަންދަމުންނެވެ.

މި މުޒާހަރާތަކަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ތާއީދު ކޮށް އެއްބާރުލުން ދެމުންނެވެ.

އެމީހުން ބުނަމުން މިދިޔަ ހަތަރުވަރަކަށް މަސްތެރޭގައި "މޯރަލިޓީ ޕޮލިހުން" ގެ މަސައްކަތް ހައްދު ފަހަނައަޅާފައިވާ ކަމަށެވެ. ނިއްކުރީގެ އިސްތަށިތަށް ފެންނަ ގޮތަށް ދޫކޮށް ބުރުގާ އަޅާ، އަންހެނުން ހުއްޓުވައި މަގަށް އެޅުވުމުގެ ގޮތުން ކަމަށް ބުނެ ބޭއަދަބީ ބަހުން މުއާމަލާތްކޮށް ފުރައްސާރަ ކުރާ ކަމަށް ބުނެ އެވެ.

މަހްސާ ހައްޔަރު ކުރީ ތެހެރާންގެ މަގުމަތިން އާއިލާ އާއި އެކު ދަނިކޮށެވެ. މަހްސާގެ ބޭބެ އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ބުރުގާ އަޅާފައި ހުރި ގޮތުން ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާނެ ކަމަށް ބުނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ މަހްސާ މަރުވީ ފުލުހުން އަނިޔާކުރުމުގެ ސަބަބުން ސިކުނޑި ހުއްޓިގެން ކަމަށެވެ.

އީރާން ސަރުކާރުން ވަނީ މަހްސާގެ އޮޓޮޕްސީ ހަދާފަ އެވެ. އޭގައި ބުނާ އެއްޗެއް ނަތީޖާ ލިބުނުހާ އަވަހަކަށް ހާމަ ކުރާނެ ކަމަށްބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް