ސޯޝަލް މީޑިއާގައި މިހާރު ކުރިޔަށްދާ ކެއްކުމުގެ ޗެލެންޖެއްގައި ކުކުޅު ތައްޔާރު ކުރާ ގޮތާއި ގުޅިގެން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އިންޒާރެއް ދީފި އެވެ.
ކުކިން ޗެލެންޖުގެ ނަމުގައި މުބާރާތެއް ފުރަތަމަ ފެށީ ޓިކްޓޮކްގައި އެވެ. މިހާރު އެ ޗެލެންޖު ޓުވިޓާގައިވެސް ވަނީ ފަށާފަ އެވެ.
މި މުބާރާތުގައި ކަމަކަށް އޮންނަނީ އާންމުކޮށް ނާޅާ ތަފާތު އެއްޗެހި އަޅައިގެން ކުކުޅު ހެދުމެވެ. އެފްޑީއޭގެ އިންޒާރު ނެރުނީ އެ މުބާރާތުގެ ތެރެއިން "ސްލީޕީ ޗިކަންގެ" ނަމުގައި ފެށި ޗެލެންޖަކުންނެވެ.
އެ ހަދަން ބޭނުން ކުރަމުންދަނީ "ނިކުއިލް" ބޭހެވެ. އެ ބޭހަކީ ހުން އައުމާއި ރޯގާ އާއި ކެއްސުން ފަދަ އެލާޖީތަކަށް ބޭނުން ކުރާ ދިޔާ ބޭހެކެވެ.
ތެލުގެ ބަދަލުގައި "ނިކުއިލް" އަޅައިގެން ކުކުޅު ފިހެ، ކެއުމަށް ދަނީ އެކަކު އަނެކަކަށް ޗެލެންޖު ކުރަމުންނެވެ.
އެފްޑީއޭއިން ބުނީ "ނިކުއިލް" އަޅައިގެން ކުކުޅު ހެދިޔަސް އެންމެން އެ ކުކުޅު ނުކާ ކަމަށެވެ. އެކަމަކު ކައްކާތަން ވީޑިއޯކޮށް އާންމު ކޮށްލުމުގެ ބޭނުމުގައި ކުރަންވެސް އެއީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ.
އެ އިދާރާއިން ދީފައިވާ އިންޒާރުގައި ބުނީ ނިކުއިލް އަޅައިގެން ކެއްކުމުން ނުކުންނަ އާވިން އެ ބޭސް އުފައްދަން ބޭނުން ކޮށްފައި ހުންނަ ޑްރަގުގެ ބާވަތްތަކުގެ އަސަރު ހަށިގަނޑަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ފުއްޕާމޭ ހަލާކުވުމަށް މަގުފަހިވާނެ ކަމަށެވެ.
މިއީ ސޯޝަލް މީޑިއާގައި ކުރިޔަށް ދިޔަ މިފަދަ ޗެލެންޖަކާއި ގުޅިގެން އެ އިދާރާއިން އިންޒާރެއް ނެރުން ފުރަތަމަ ފަހަރެއް ނޫނެވެ. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެފްޑީއޭއިން ވަނީ ފުރާވަރު ކުދިންތަކެއް ސޯޝަލް މީޑިއާގެ ޗެލެންޖެއްގައި ބައިވެެރިވެ ކުރި ކަމަކުން އެޑްމިޓް ކުރަން ޖެހުމާއި މަރުވުމުގެ މައްސަލަތަކެއްގައި އިންޒާރެއް ނެރެފަ އެވެ.
އެ ޗެލެންޖުގައި ޖެހުނީ ހުމާއި ރޯގާ ފަދަ ބަލިތަކަށް ބޭނުން ކުރާ ގުޅަ ބޭހެއް އެންމެ ގިނައިން ކެވޭ ކުއްޖަކަށް ވާށެވެ. އެފްޑީއޭއިން ބުނީ ސިއްހަތާއި ގުޅުން ހުރި މިފަދަ ޗެލެންޖުތަކަކީ ކުރިޔަށް ގެންގޮސްގެންވާނެ ކަންކަން ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް