މާބޮޑަށް މަޝްހޫރުވުމުން، ތާޕްސީ ވަރަށް ކިބުރުވެރިވެއްޖެ ކަމަށް ބުނަން ފަށައިފި

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ތާޕްސީ ޕަންނޫ އެއް ދުވަހުން އަނެއް ދުވަހަށް ކިބުރުވެރިވަމުން އަންނަ ކަމަށް ބުނަން ފަށައިފި އެވެ. ތާޕްސީ ފިލްމީ ދާއިރާއަށް ނުކުުތީ 2010 ވަނަ އަހަރު ރި...

22 Sep 2022 | 04:00

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ ތާޕްސީ ޕަންނޫ އެއް ދުވަހުން އަނެއް ދުވަހަށް ކިބުރުވެރިވަމުން އަންނަ ކަމަށް ބުނަން ފަށައިފި އެވެ.

ތާޕްސީ ފިލްމީ ދާއިރާއަށް ނުކުުތީ 2010 ވަނަ އަހަރު ރިލީޒް ކުރި ޓެލުގޫ ފިލްމު "ޖުންމަންދީ ނާދަން" އިންނެވެ. ތާޕްސީގެ ފުރަތަމަ ހިންދީ ފިލްމަކީ 2013 ވަނަ އަހަރު، ވަރުން ދަވަން އާއި އެކު ފެނިގެން ދިޔަ "ޗަޝްމޭ ބައްދޫރު" އެވެ.

އޭގެ ފަހުން ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅެމުން އަންނަ ތާޕްސީއަށް މިފަހުން އާންމުންގެ ފާޑުކިޔުން އަމާޒުވުން ވަނީ އިތުރުވެފައި އެވެ. އެއީ އޭނާގެ ބަހުރުވަ ހުންނަ ގޮތާއި ސުވާލެއް ކޮށްލާއިރަށް މާ އަވަހަށް ރުޅި އަންނާތީ އެވެ.

ރޭ އޭނާ އާންމު ތަނަކުން ފެނިގެން ޕަޕަރާޒީން ވަނީ އިއްޔެ މަރުވި އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވަސްތަވާ އާއި ގުޅޭގޮތުން އެއްޗެއް ބުނުމަށް އެދިފައި އެވެ. އެކަމަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ތާޕްސީ ވަނީ އޭނާ ބުނަންވީ ކީކޭތޯ ޕަޕަރާޒީން ކައިރީ އަހާފަ އެވެ. އަދި އިތުރަށް ވާހަކަ ނުދައްކާ ސަލާމަތް ވެގެން ދެވޭތޯ ބެލި އެވެ.

އެގަޑީގައި އޭނާ ކުރިމަތީ ތިބެގެން ދިޔަނުދީ ނޫސްވެރިން ސުވާލު ކުރަން ފެށުމުން، ތާޕްސީ ވަނީ އެމީހުން ދުރަށް ޖެހުމަށް އެދުމަށް ފަހު އިތުރު ވާހަކައެއްވެސް ނުދައްކާ ގޮސްފަ އެވެ.

ތާޕްސީގެ މި އަމަލާއި ގުޅިގެން ފާޑު ކިޔާ މީހުން ދަނީ އޭނާ މިހާރު ވަރަށް ބޮޑާވެ ކިބުރުވެރިވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ސުވާލެއް ކޮށްލާއިރަށް ހަޅޭއްލަވާ ގޮތަށް ވާހަކަ ދައްކާ ހަދަނީ ހައިސިއްޔަތު އޮޅެން ފެށުމުން ކަމަށް ބުނެފައިވެ އެވެ.

މިއީ މިމަހުގެ ތެރޭގައި ތާޕްސީއަށް ފާޑުކިޔުން އަމާޒުވި ދެވަނަ ފަހަރެވެ. މީގެ ދެ ހަފްތާވަރު ކުރިން އޭނާގެ ފިލްމު "ދޮބާރާ" އަށް މީހުން ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅޭގޮތުން އެއްޗެއް ބުނުމަށް އެދުމުންވެސް ތާޕްސީ ރުޅިއައެވެ.

އެދުވަހު ޕަޕަރާޒީންނާއި ދިމާއަށް ވަނީ އަޑުގަދަ ނުކޮށް ތިބޭށޭ ކިޔައި ހަޅޭއްލަވައިގެންފަ އެވެ. ތާޕްސީ އެ ދުވަހު ރުޅިއައިސްގެން ބުނީ އެގޮތަށް ބާރަށް އެއްޗެކޭ ބުނެވިއްޖެ ނަމަ އެކްޓަރުންގެ އެއްވެސް އަހުލާގެއް ނެތް ކަމަށް ބުނާނެ ކަމަށެވެ. ނުރުހުމުގެ ބަސްތައް އަމާޒު ނުވަނީ ކޮން ފިލްމަކަށްތޯވެސް އަހާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް