ޔޫކްރޭން ހިފުމަށް ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައިގާ ރަޝިޔާއިން ރިޒާވް ފޯސް ނެރެން ނިންމުމުން އެ ގައުމުގެ އާންމުން މަގުތަކަށް ނިކުމެ އެކަމާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.
އިއްޔެ ޕޫޓިން ނިންމެވީ ރިޒާވް ފޯސް (ސިފައިންގެ ވަންނަން ބޭނުންވެ ރިޒާވްގައި ތިބި އާންމުންގެ ތެރެއިން އަދި މިލިޓަރީ ޓްރޭނިން ހަދާފައިތިބި އާންމުންގެ ތެރެއިން) ތިން ލައްކައެއްހާ މީހުން ހަނގުރާމައަށް ފޮނުވުމަށެވެ. ރިޒާވް ފޯސް ފޮނުވަން ނިންމެވީ މިހާރު ރަޝިޔާގެ ކޮންޓްރޯލް ދަށަށް ގެނެވިފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދުގެ ކޮންޓްރޯލު ގެއްލުނަ ނުދިނުމަށްކަމަށް ބުނެއެވެ.
ޕޫޓިންގެ މި ނިންމެވުމާއި ދެކޮޅަށް ރޭގައި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުން 1300 އެއްހާ މީހުން ހައްޔަރުކުރި ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައީ ހަނގުރާމަ ހުއްޓާލުމަށެވެ. ލޭ އޮހޮރުވުމާއި ކުޑަކުދިންނަށް އަނިޔާކުރަން ގައުމުގެ އާންމު ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި ޕޫޓިންއަށްޓަކައި ސިފައިން ހަނގުރާމަ ކުރުން ހުއްޓާލައި އަނބުރާ ގައުމަށް ރުޖޫއަވުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.
ޕޫޓިން ޔޫކްރޭން ހިފުމުގެ ހަނގުރާމަ ފެއްޓެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުގައެވެ. ހަނގުރާމަ ފެށިގެން ފުރަތަމަ ދެތިންމަސްދުވަހު ޕޫޓިންއަށް ކާމިޔާބުތަކެއް ލިބުނު ނަމަވެސް ފަހުން ވަނީ ޕޫޓިންއަށް ވަރަށް ބޮޑަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. މިހާރު އިތުރު ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ރަޝިޔާއިން މަސައްކަތް ކުރަނީ ކޮންޓްރޯލް ހޯދުނު ސަރަހައްދުތަކުގައި ކޮންޓްރޯލް ދެމެހެއްޓުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް