މުޖުތަމަޢެއްގައި ހަމަޖެހުން ޤާއިމުކުރުމަށް އެކިކަހަލަ ފަރަގުތަކާއި ތަފާތުކުރުންތައް ނައްތާލުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޖުތަމަޢުތައް ބަލިކަށިވެ ބައިބައިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެހެން މީހުންގެ ޙާލަތާއި، އިޙްސާސްތައް ދެނެނުގަތުން ކަމުގަ އެވެ.
ރައީސް ވަނީ އެކަކު އަނެކަކާމެދު ހަމްދަރުދީވުމަށް ބާރުއެޅުމާއި، ނަސްލީ ތަފާތުކުރުންތައް ހިމެނޭހެން ހުރިހާ ވައްތަރެއްގެ ތަފާތުކުރުންތައް ނައްތާލުމަށް، އެންމެން ޝާމިލުކުރެވޭފަދަ ތަރައްޤީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އުޖާލާ ކުރިމަގެއް ބިނާކުރުމަށާއި، ކުރިޔަށް އޮތް ޖީލުތަކަށް ތަފާތުކުރުން ނެތް، ހަމަހަމަކަމަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމަށްޓަކައި އެއްވެސް ޤައުމެއް ބާކީ ނުކޮށް، ހަމަހަމަކަމާއެކު އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މުސްތަޤްބަލް ބިނާވަނީ އިންސާނިއްޔަތުގައި ހުރި ތަފާތުތަކާއެކުވެސް އެންމެން ގުޅިގެން، އެއްބައިވަންތަވުމަށް ކުރާ މަސައްކަތުގެ މައްޗަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް