ސާފް ޗެމްޕިއަން ސިޕް މިހާރުގެ ނަމުންނަމަ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭގެ ގައުމީޓިމުން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ 1997 ވަނަ އަހަރު ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުން ފެށިގެން ރާއްޖޭގެ ގައުމީ ޓީމު އަންނަނީ ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުންނެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ ދިހަ މުބާރާތެއްގައި ވާދަކޮށްފައިވާއިރު، މި މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއްވެސް ވަނީ ނެރެފައެވެ.
1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތް
1997 ވަނަ އަހަރު ނޭޕާގައި ބޭއްވުނު މުބާރާތަކީ ދިވެހި ގައުމީޓީމު އެންމެ ފުރަތަމަ ވާދަކުރި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖެ ލައްވާލީ އިންޑިއާއާއި ބަނގްލަދޭސް ހިމެނޭ ގުރޫޕް ބީގައެވެ. މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ރާއްޖެ ދަތުރުކުރިއިރު، ސެމީގައި ރާއްޖެ ބައްދަލު ކޮށްފައިވަނީ އަވަށްޓެރި ސްރީ ލަންކާއާއެވެ. އެ މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށް ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއެވެ. ފައިނަލުގައި ރާއްޖެ ކުޅެން ޖެހުނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވުނު އިންޑިއާއާއެވެ. ފައިނަލުގައި ރާއްޖެ އިންޑިއާއަތުން ބަލިވީ 1-5 ގެ ބޮޑު ތަފާތަކުންނެވެ.
1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައިވެސް ރާއްޖެ ހިމެނުނީ ސްރީ ލަންކާ އާއި ނޭޕާލާއެކު ގުރޫޕު ބީގައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖު ރާއްޖެއިން ނިންމާލީ ގުރޫޕު ބީގެ އެއްވަނަ ޓީމުުގެ ގޮތުގައެވެ. އެހެން ކަމުން މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެ ބައްދަލުކުރަން ޖެހުނީ ވަރުގަދަ އިންޑިއާއާއެވެ. ސެމީން ރާއްޖެ ބަލިވެ މުބާރާތުން ކެޓީ އިންޑިއާއަތުން 1-2 ގެ ނަތީޖާއިން ބަލިވެގެންނެވެ.
2003 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ލައްވާލީ ނޭޕާލް، ބޫޓާން އަދި މުބާރާތް ބޭއްވު ގައުމު ބަނގްލަދޭސް އާއި އެކު ގުރޫޕު ބީގައެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ވެގެން ދިޔައީ ސާފް ޗެމްޕިއަންޝިޕް ތާރީޚުގައި ޓީމެއް އެންމެ ބޮޑުތަފާތަކުން މޮޅުވި ފުރަތަމަ މެޗަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބޫޓާނާއި ދެކޮޅަށް ކުޅެ މޮޅުވެފައިވަނީ 0-6 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީޓީމުގެ އޭރުގެ އިތުބާރު ފޯވާޑް އަލީ ޝިހާމް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ވެސް ފުރިހަމަ ކޮށްފައެވެ. މިއީ މި މިބާރާތުގައި ރާއްޖޭގެ ކުޅުންތެރިއަކު ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކެވެ.
މި މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކުރިއެވެ. ރާއްޖެ ސެމީއަށް ދަތުރުކުރީ ގުރޫޕު ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ރާއްޖެ ބައްދަލުކުރީ ޕާކިސްތާނާއެެވެ. ސެމީގައި ޕާކިސްތާން ބަލިކޮށް ރާއްޖެ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ މި މުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދި ދެވަނަ ފަހަރެވެ. ފައިނަލްގައި ރާއްޖެ ބަލިވީ ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 3-5 ގެ ނަތީޖާއިންނެވެ.
2005 ޕާކިސްތާނުގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ލައްވާލީ އަފްގާނިސްތާން، ޕާކިސްތާން އަދި ސްރީލަންކާއާއި އެކު ގުރޫޕު އޭގައެވެ. މި މުބާރާތްވެސް ރާއްޖެ ފެށީ ރެކޯޑް މޮޅަކުންނެވެ. އަފްގާނިސްތާނާއި ބައްދަލުކުރި ފުރަތަމަ މެޗުން ރާއްޖެ ވަނީ 1-9 ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ. މި މެޗުގައި އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިޤު (ޓޮމް) ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ސާފް ޗެމްޕިއަންޝިލް ފުޓްބޯޅަ މުބާރާތެއްގައި އެންމެ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ. މި މުބާރާތުގައި ރާއްޖެ ސެމީއަށް ދަތުރުކުރީ އެ ޓީމު ހިމެނުނު ގުރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ރާއްޖެ ސެމީގައި ބައްދަލުކުރަން ޖެހުނީ ވަރުގަދަ އިންޑިއާއެވެ. ރާއްޖެ މުބާރާތުން ކަޓާފައިވަނީ އިންޑިއާއާއި ވާދަކޮށް 0-1 ގެ ނަތީޖާއިން ބަލިވެގެންނެވެ.
2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ލައްވާލީ ނޭޕާލް، އިންޑިއާ، ޕާކިސްތާނާއި އެކު ގުރޫޕު އޭގައެވެ. އިންޑިއާ އަތުން ފިޔަވައި ދެން ގުރޫޕުގައި ހިމެނުނު ހުރިހާ ޓީމެއްގެ އަތުން ރާއްޖެ މޮޅުވެ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ގުރޫޕު އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ރާއްޖެ ބައްދަލުކުރީ ސްރީ ލަންކާއާއެވެ. ސްރީލަންކާ 0-1 ގެ ނަތީޖާއިން ބަލިކޮށް ރާއްޖެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއެވެ. މިއީ ރާއްޖެއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. ފައިނަލުގައި ރާއްޖެ ބައްދަލު ކުރީ ވަރުގަދަ އިންޑިއާއާއެވެ. މި މުބާރާތުގެ ފައިނަލުގައި 0-1 އިން އިންޑިއާ ބަލިކޮށް ރާއްޖެ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލިއެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ގައުމީ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
2009 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތް
މި މުބާރާތަށް ރާއްޖެ ނުކުތީ ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނުނީ އަފްގާނިސްތާނާއި ނޭޕާލާއި އެކު ގުރޫޕު އޭގައެވެ. ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީއަށް ރާއްޖެ ދަތުރުކުރި އިރު، ސެމީގައި ރާއްޖެ ބައްދަލުކުރީ ސްރީލަންކާއާއެވެ. މި މެޗު 1-5 އިން ކާމިޔާބު ކޮށް ރާށްޖެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާ އަތުން ޕެނަލްޓީގައި 1-3 ގެ ނަތީޖާއިންނެވެ.
2011 ވނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ހިމެނުނީ ބަނގްލަދޭސް، ނޭޕާލް އަދި ޕާކިސްތާނާއި އެކު ގުރޫޕު ބީގައެވެ. ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މި މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރުކުރި އިރު، ސެމީގައި ރާއްޖެ ބައްދަލުކުރަން ޖެހުނީ އިންޑިއާއާއެވެ. ސެމީގައި އިންޑިއާއާއި ވާދަކޮށް 1-3 އިން ބަލިވެގެން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ.
2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ލައްވާލީ އަފްގާނިސްތާން، ބޫޓާން އަދި ސްރީ ލަންކާއާއި އެކު ގުރޫޕު ބީގައެވެ. ރަނގަޅު ނަތީޖާތަކާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީއަށް ދަތުރުކުރި ރާއްޖޭ ސެމީގައި އިންޑިއާ އަތުން 0-1 އިން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ.
2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ހިމެނުނީ އަފްގާނިސްތާން، ބޫޓާން އަދި ބަނގްލަދޭސް ހިމެނޭ ގުރޫޕު ބީގައެވެ. މި މުބާރާތުގައި ރާއްޖެ ސެމީއަށް ދަތުރުކުރީ ގުރޫޕގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ރާއްޖެ ބައްދަލުކުރަން ޖެހުނީ އިންޑިއާއާއެވެ. ސެމީގައި އިންޑިއާއާއި ވާދަކޮށް 2-3 ގެ ނަތީޖާއިން ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ.
2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތް
މި މުބާރާތުގައި ރާއްޖެ ހިމެނުނީ އިންޑިއާ އަދި ސްރީ ލަމްކާއާއި އެކު ގުރޫޕު ބީގައެވެ. މި މުބާރާތުގެ ސެމީއަށް ރާއްޖެ ދަތުރުުރީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ނޭޕާލާއި ބައްދަލުކުރަން ޖެހުނުއިރު، ރާއްޖެ ނޭޕާލްއަތުން 0-3 ގެ ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އިންޑިއާއާއި ބައްދަލުކޮށް 1-2 އިން މޮޅުވެ މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ރާއްޖެއިން އުފުލާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް